ޚަބަރު

ސޯލާ ހަކަތައިން ހިންގާގޮތަށް، 4 ރަށެއްގައި އައިސްޕްލާންޓް އަޅަން ޗައިނާގެ ކުންފުންޏަކަށް


އަވިން އުފައްދާ ހަކަތައިން ކަރަންޓު ބޭނުންކުރާގޮތަށް، 4 ރަށެއްގައި ކޮމިއުނިޓީ އައިސް ޕްލާންޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

އައިސްޕްލާންޓް އަޅަނީ ނ.ލަންދޫ، ތ.ބުރުނީ، ތ.މަޑިފުށި އަދި ތ.ވިލުފުށީގައެވެ.

އައިސް ޕްލާންޓްތައް އަޅަން ހަވާލުކުރައްވާފައިވަނީ ޗައިނާގެ "އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑް"އާއެވެ. މި މަސައްކަތަކީ ކާރބަން "ނެޓް-ޒީރޯ 2023" ގެ ލަނޑުދަނޑި ޙާޞިލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ފަށްޓަވާފައިވާ ކަމެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ނ.ލަންދޫ، ތ.މަޑިފުށި އަދި ތ.ވިލުފުށި، މިއިން ކޮންމެ ރަށެއްގައި 15 ޓަނުގެ އައިސްޕްލާންޓަކާއި 30 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރައްވާނެ ކަމަށެވެ. އަދި ތ.ބުރުނީގައި 5 ޓަނުގެ އައިސްޕްލާންޓަކާއި 15 ޓަނުގެ ސްޓޯރޭޖް ޤާއިމުކުރައްވާނެ ކަމަށެވެ.

މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 8 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ ސަރުކާރުން 1773242 (އެއްމިލިއަން ހަތްލައްކަ ހަތްދިހަ ތިންހާސް ދުއިސައްތަ ސާޅީސް ދެ އެމެރިކާ ޑޮލަރު) ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ.

އައިސް ޕްލާންޓް ތަރައްޤީކުރުމުގެ މަސައްކަތަކީ މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން، ރާއްޖޭގެ ކޮންމެ ސަރަޙައްދަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ. އެގޮތުން މި 4 އަހަރުތެރޭގައި ވެސް ގިނަ ރަށްތަކެއްގައި އައިސްޕްލާންޓްތައް ޤާއިމުކުރައްވައި ޚިދުމަތް ވަނީ ފަށްޓަވައިފައެވެ.

ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގައި ޤާއިމުކުރެވޭ ޚިދުމަތްތަކަކީ ވީހާވެސް ބޮޑަށް ތިމާވެށްޓާއި ރައްޓެހި ޚިދުމަތްތަކަށް ހެދުމެވެ.