ޚަބަރު

15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސާމާނު ހަދިޔާކުރައްވައިފި


ރާއްޖޭގެ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސާރޖިކަލް އިންސްޓްރޫމަންޓް ހަދިޔާކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި ތަކެތި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ހަދިޔާކޮށްދެއްވީ ހެލްތު މިނިސްޓަރ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަޞީމެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމު ވިދާޅުވީ، ޞިއްޙީ ފަރުވާގެ ނިޒާމު ވަރުގަދަކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް އެޅުއްވުމަށް މިހާރު ސޮއެކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ހަދިޔާކުރެވުނު މި ތަކެއްޗާއެކު އެ ތަންތާނގެ ޚިދުމަތްތައް އަވަސްވެ، ޚިދުމަތް ދިނުމުގައި އެތައް ފަސޭހަތަކެއް ލިބޭކަމަށެއެވެ.

"އަޅުގަނޑު އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ޞިއްޚީ ޚިދުމަތްތެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ތަކެތި ނެތި، ތަކެތި ހަލާކުވެ، ދަބަރު ޖަހާފައި ހުންނަކަމުގެ ޝަކުވާ. އަދި ބޭނުންވާ ވަރަށް އެއްޗެހިވެސް ނުހުންނަނީ. އެވެސް ވަރަށް އުނދަގޫވާކަމެއް. ޚިދުމަތްދޭން ތިބޭ މީހުންނަށްވެސް އެންމެ ބޭނުންވާގޮތަށް އެކަން ނުކުރެވޭ އޭރުން" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ނަސީމްގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އިންސާނީ ވަޞީލަތުގެ މައްސަލަ ޙައްލުކުރައްވައި މުހިއްމު ދާއިރާތަކުން މީހުން ބިނާކުރެއްވުމަށް ވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ ޞިއްޙީ ފަރުވާ އަތޮޅުތަކުގައި ފުޅާކުރައްވައި، ޞިއްޙީ ޚިދުމަތްތައް ހޯދުމަށް އަތޮޅުތަކުން މާލެއަށް އަންނަންޖެހޭ އައުން ނިމުމަކަށް ގެނައުމެވެ. އަދި ރަށްރަށުގައި ހުރި ޞިއްޙީ ފަރުވާދޭ ތަންތަނުގެ ފެންވަރު މަތިކޮށް، އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ސަރުކާރުން ދަނީ ހައްލު ހޯއްދަވައިދެއްވަމުންނެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ސަރޖިކަލް އިންސްޓްރޫމަންޓް ހަދިޔާކުރެއްވިި 15 ތަނުގެ ތެރޭގައި ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، ކ. ތުލުސްދޫ ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ވ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ. އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ފ. އަތޮޅު ހޮސްޕިޓަލާއި، ދ. އަތޮޅު ހޮސްޕިޓަލާއި، ތ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް މިނިސްޓްރީން ވަނީ ތަކެތި ހަދިޔާކޮށްފައެވެ.

މި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ހަދިޔާކުރި ސާމާނުގެ ތެރޭގައި، ޑްރެސިން ސެޓް، ބޭބީ ސެޓް، ޑެލިވަރީ ސެޓް، ޝޭޗާރ ސެޓް، އިންސިސަން އެންޑް ޑްރެއިނޭޖް ސެޓް، އަދި އާރޓިކަލް ފޯރ ޑްރެސީން ރޫމް ސެޓް ހިމެނެއެވެ.

ހެލްތު މިނިސްޓްރީއިން ވިދާޅުވީ، މި އަތޮޅުތަކުގައި މިހާރު ހުރި ތަކެއްޗަކީ މީގެ 13 ވަރަކަށް އަހަރު ކުރިން އެ އަތޮޅުތަކަށް ފޮނުވާފައިވާ ތަކެތިކަމަށެވެ. އެހެންކަމުން މިހާރު އެތަކެތި ހުރީ ވަރަށް ބާވެ ހަލާކުވެފައި ކަމަށެވެ. މި ޙަވާލުކުރެވުނު ތަކެތީގެ ސަބަބުން ކުރިއަތް އޮތް 5 އަހަރު އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެވި، މިތަކެތި ބަދަލުކުރަން ނުޖެހޭކަމަށެވެ.