ވިޔަފާރި

ސެޕްޓެމްބަރ މަހު ރާއްޖޭގައި ހޮޓް އެއަރ ބެލޫން ފަށަނީ


ހޮޓް އެއަރ ބެލޫންއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މުނިފޫހިފިލުވުމުގެ ހަރަކާތެކެވެ. މި ފަހަކަށް އައިސް ހޮޓް އެއަރ ބެލޫން ވެފައިވަނީ ދިވެހިންގެ މެދުގައިވެސް މަޤްބޫލު މުނިފޫހިފިލުވުމުގެ ހަރަކާތަކަށެވެ.

ހޮޓް އެއަރ ބެލޫން އަކީ ހޫނު ވައި އެ ބެލޫންގައި އަޅުވައިގެން މައްޗަށް އަރައިގެންދާ މުނިފޫހިފިލުވުމުގެ ހަރަކާތެކެވެ. މި ހަރަކާތް ފަތުރުވެރިންގެ މެދުގައި އެންމެ ބޮޑަށް މަޤްބޫލުވެފައިވަނީ ފޮޓޯނަގާ ބެލޫންއިން މައްޗަށް އަރައިގެންދާ އިރު އެ ފެންނަ ރީތި މަންޒަރުގެ ސަބަބުންނެވެ.

ހޮޓް އެއަރ ބެލޫން ތަޖުރިބާ ކުރަން ޝަޢުގުވެރިވާ ދިވެހިންނަށް، އެ ފުރުޞަތު މީގެ ކުރިން ލިބެން އޮންނަނީ ރާއްޖޭގެ ބޭރުގައި މިކަން ކޮށްއުޅޭ ކޮންމެވެސް ޤައުމަކަށް ނުވަތަ މަންޒިލަކަށް ގޮސްގެންނެވެ. އެގޮތުން އެންމެ އާންމުކޮށް ދިވެހިން ދަނީ ތުރުކީގެ ކެޕަޑޯޝިއާއަށެވެ. އެހެންނަމަވެސް، ޤައުމުން ބޭރަށް ނުގޮސް، މާބޮޑެތި ޚަރަދުތަކަކާނުލާ އަމިއްލަ ޤައުމުގައިވެސް މިކަން ތަޖުރިބާކުރެވޭނެ މަގު ދިވެހިންނަށް ފަހިވާން އުޅޭކަމުގެ ފެހި ސިގްނަލް މިހާރު މިވަނީ ލިބިފައެވެ.

ރާއްޖޭގެ ގެސްޓްހައުސްއަކުން މިވަނީ ރާއްޖޭގައި ހޮޓް އެއަރ ބެލޫން ފެށުމަށް ތައްޔާރުވެފައެވެ. އެގޮތުން މަހިބަދޫ "ގޮބީ ލޮޖް" ގެސްޓްހައުސްއިން މިހާރު ވަނީ މީގެ ޓެސްޓިން މަރުހަލާވެސް ކުރިއަށްގެންގޮސްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ "ގޮބީ ލޮޖް" ގެސްޓްހައުސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޑައިވް އިންސްޓްރަކްޓަރެއްކަމަށްވާ މުޙައްމަދު ސުޖާއު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެފައި މިވަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި ތަފާތުކޮށްކަމަށެވެ. އެގޮތުން ރާއްޖޭގައި ބޮޑަށް މަޝްޙޫރުވެފައި ވަނީ ގުދުރަތީ ހިތްގައިމުކަމާއި ރީތިކަމުގެ މަައްޗަށްކަމަށާއި، ނަމަވެސް ރާއްޖޭގައިވެސް މީގެ އިތުރުން ކުރިއެރުވިދާނެ ތަފާތު ހަރަކާތްތައް ހުންނާނެކަމަށެވެ.

އެގޮތުން ހޮޓް އެއަރ ބެލޫންއަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ވިސްނުނުކަމަށާއި، އެ ހިސާބުން މިކަން ކުރުމުގެ މަސައްކަތް ފެށިކަމަށް ސުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހޮޓް އެއަރ ބެލޫންގެ މަސައްކަތް ރާއްޖޭގައި ފެށުމަށް ސިވިލް އޭވިއޭޝަނުން ޓެސްޓިން މަރުހަލާތައް ކުރިއަށްގެންދިއުމަށް ހުއްދަ ލިބި، ޓެސްޓު ކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ. އަދި ސިވިލް އޭވިއޭޝަންގެ ދާއިމީ ހުއްދަ ލިބުނުހާ އަވަހަކަށް ޚިދުމަތް ފަށާނެ ކަމަށާއި، އުއްމީދުކުރެވެނީ ސެޕްޓެމްބަރުމަހު ޚިދުމަތް ފެށޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސެޕްޓެމްބަރ ހިސާބުގައި ޕަބްލިކްއަށް ލޯންޗްކުރެވޭނެ. ފުދޭވަރަކަށް ގިނަ ރިސޯޓްތަކުންވެސް އެބަހުރި ރިކުއެސްޓްކޮށްފައި. ޓެސްޓުކުރިއިރު ގިނަ ރިސޯޓްތަކަކުން ގުޅި" ސުޖާއު ވިދާޅުވިއެވެ.

ސިވިލް އޭވިއޭޝަނުން، ގޮބީ ލޮޖް ގެސްޓްހައުސްއަށް ހޮޓް އެއަރ ބެލޫން އެރުވުމަށް ހުއްދަ ދީފައިވާ ސަރަޙައްދަކީ މަހިބަދޫ ވަށައިގެން އޮންނަ ސަރަޙައްދެވެ. ރާއްޖޭގައި ހޮޓް އެއަރ ބެލޫންގެ ޚިދުމަތްދޭއިރު ބެލޫން ޖައްސާނީ މޫދަށްކަމަށް ސުޖާއު ފާހަގަކުރެއްވިއެވެ.

ސުޖާއު ވިދާޅުވީ، އަދި ފުރުޞަތު ލިބިފައިވަނީ މަހިބަދޫ ސަރަޙައްދުގައި މިކަން ކުރުމަށްކަމަށެވެ. ނަމަވެސް ސިވިލް އޭވިއޭޝަންއާއި ގުޅިގެން އިތުރު ސަރަހައްދުތައް ހޯދުމުގެ މަސައްކަތް ކުރާނެކަމަށެވެ. ހޮޓް އެއަރ ބެލޫންއަށް ހުއްދަދޭއިރު ބަލަނީ ފްލައިޓްތަކާއި އަދި ސީ-ޕްލޭން ނުޖައްސާ ހިސާބުތަކަށެވެ.

ގޮބީ ލޮޖްއިން މި މަސައްކަތް ކުރަނީ ޗައިނާގައި މި މަސައްކަތްކުރާ ކުންފުންޏަކާއި ގުޅިގެންނެވެ. އެގޮތުން އެ މަސައްކަތް ފަށާނީ 2 ބެލޫންއާއި އެކުގައިކަމަށް އެ ގެސްޓްހައުސްއިން ބުނެއެވެ. ބެލޫންއަކަށް އެރޭނީ އެއްފަހަރާ 6 މީހަކަށެވެ.

ގޮބީ ލޮޖްއިން ބުނީ ހޮޓް އެއަރ ބެލޫންގެ ޚިދުމަތަށް ރާއްޖޭގައި ބޭނުންކުރަނީ ބޮޑެތި ބެލޫންތަކެއްކަމަށެވެ. އަދި މި ޚިދުމަތް ފަށާއިރު ދިވެހިންނާއި ބިދޭސީންނަށް ކަނޑައަޅާނީ ވަކި އަގުތަކެއްކަމަށްވެސް އެ ގެސްޓްހުސްއިން މަޢުލޫމާތުދެއެވެ.

ހޮޓް އެއަރ ބެލޫން އެއްގައި އުދުހުމުގެ ތަޖުރިބާއަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ކަމެކެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހޮޓް އެއަރ ބެލޫންގެ ހަރަކާތްތަކާއި، ފެސްޓިވަލްތައް އަންނަނީ ބާއްވަމުންނެވެ.