ޚަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތާއި ގުޅިގެން އައި ބަދަލުތައް ދެނެގަތުމަށް ޚާއްޞަ ދިރާސާއެއް


ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓިއެލްގެ ފެރީގެ ޚިދުމަތާ ގުޅޭ ދިރާސާއެއް ހެދުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗައިން ނިންމަވައިފިއެވެ. އެ މިނިސްޓްރީން މިހާރު ވަނީ އާރްޓީއެލް ޚިދުމަތާ ގުޅޭގޮތުން ސޯޝިއޯ-އިކޮނޮމިކް ސްޓަޑީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި ދިރާސާގައި އާރްޓީއެލްގެ ފެރީ ޚިދުމަތާއެކު ސިއްހީ ޚިދުމަތްތައް ހޯދުމުގައި ލިބުނު ފަސޭހަތަކާ ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން ދިޔަ މިންވަރާއި، ތަޢުލީމު ހޯދުމަށް ލިބުނު ފަސޭހަތަކާއި، ފަތުރުވެރިކަމާއި އިގްތިޞާދީ އެހެން ދާއިރާތަކަށް ފެރީ ޚިދުމަތާ ގުޅިގެން ލިބުނު ކުރިއެރުމާ ކޮބައިކަން ދެނެގަތުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ދިރާސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 13 ހަފްތާގެ މުއްދަތަކަށެވެ. އަދި ދިރާސާ ހެދުމަށްފަހު އެ ރިޕޯޓް އަންނަ ސެޕްޓެމްބަރު މަހު 4 ވަނަ ޕްލޭނިން މިނިސްޓްރީއަށް ހުށައަޅަންވެސް ޖެހެއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ މިދިރާސާ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެ މިނިސްޓްރީގައި ބޭއްވުމަށް ނިންމަވާފައެވެ. އަދި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިންނެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު އެއް މަޝްރޫޢުއެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ވަނީ ޤައުމީ ޤައުމީ ފެރީގެ ނިޒާމުން ގުޅާލާފައެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގެ ދެކުނުން ހުވަދު އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށެވެ. ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ 19 ރަށް އޮވެއެވެ. ފެރީގެ ޚިދުމަތް ޖުލައި ކުރީކޮޅު ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ހުވަދުއަތޮޅުގައި ޤައުމީ ފެރީގެ ނިޒާމްގެ ޚިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި ކޫއްޑޫ، ކާޑެއްދޫ އެއަރޕޯޓަށް ޚާއްޞަ ރޫޓު ހިމެނެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަށް ޢާއްމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ފުރަތަމަ 4 އަތޮޅުގައި މި ޚިދުމަތް ފަށާ އަހަރެއްވިއިރު، 4599 ދަތުރު ވަނީ ބައްވާފައެވެ. އަދި 260،000އަށްވުރެ ގިނަ މީހުން ވަނީ ފެރީގެ ޚިދުމަތް ހޯދާފައެވެ. އަދި ގިނަ މީހުން ފެރީގެ ޚިދުމަތް ހޯދަނީ ސިއްހީ ފަރުވާގެ ޚިދުމަތް ހޯދުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.