ޚަބަރު

ކުޅުދުށްފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރު ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި


ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް ބާއްވައިފިއެވެ.

ކުރީ ސަރުކާރުން ކުޅުދުއްފުށީގައި އެއަރޕޯޓެއް ތަރައްޤީކުރިނަމަވެސް އެ އެއަރޕޯޓަށް ރޭގަނޑު ދަތުރުނުކުރެވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވާތީ، މި ސަރުކާރުން މިހާރު ވަނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުކުރެވޭ ވަރަށް އެ އެއަރޕޯޓް ތަރައްޤީކުރައްވައިފައެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓް ރޭ ދަންވަރު ވަނީ ބާއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވިދާޅުވީ ރޭގަނޑު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އުއްމީދަކީ މި ފެށޭ ހަފްތާގައި ދަތުރުތައް ފެށުންކަމަށް ވެސް ޖެނިފާ ވިދާޅުވިއެވެ.

ކުޅުދުއްފުށި އެއަރޕޯޓާއެކު ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އަންނަ 6 އެއަރޕޯޓްގެ ތެރެއިން ހަތަރު އެއަރޕޯޓަށް މިހާރު ރޭގަނޑު ދަތުރުތައް ކުރެވޭނެއެވެ. އެއީ ގދ.ފަރެސްމާތޮޑާއާއި ފުވައްމުލައް ސިޓީ، އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.

ހއ. ހޯރަފުށި އަދި ގދ.މާވަރުލު އެއަރޕޯޓްގައިވެސް ރޭގަނޑު ދަތުރުކުރެވޭ ގޮތަށް ނައިޓް ލޭންޑިން ސިސްޓަމް ޤައިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.

ކުޅުދުއްފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަވައިފައި މިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުގައެވެ. އެގޮތުން މިހާރު ހަނިމާދޫ އެއަރޕޯޓްގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.