ޚަބަރު

ކުވައިތު ފަންޑުގައި އަޅާ 7 ހޮސްޕިޓަލްގެ މަސައްކަތް ހަފްތާއެއްތެރޭ ހަވާލުކުރާނަން: ރައީސް


ކުވައިތު ފަންޑުގެ އެހީގައި ތަރައްޤީކުރާ 7 ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި އެއްވަރަށް، ޚިދުމަތްތައް އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކި ފަރުދެއް ވަކި ރަށެއް ތަފާތުނުކުރައްވައި، އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަޙައްދަކުން ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.

ސަރުކާރުން އެކުލަވާލި ނޭޝަނަލް ސްޕެޝަލް ޕްލޭނާއި އެއްގޮތަށް، 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރެއްވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ދޭން މިހާރު ފަށާފައިވާކަމަށެވެ. އޭގެ ތެރޭގައި ސީ.ޓީ. ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައް ހިމެނެއެވެ.

މީގެއިތުރުން ސަރުކާރުން އެކި އަތޮޅުތަކުގެ އެކި ރަށްރަށުގައި، އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ކުރިއަށްއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުވައިތު ފަންޑުގެ އެހީގައި 7 ރަށެއްގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތްވެސް، މިހާރު އޮތީ އެއްބަސްވުން އެކުލަވާލުމުގެ މަރުހަލާގައިކަމަށެވެ. މި ރަށްރަށަކީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުއްޓެވެ.

"ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް އަޅުގަނޑުމެން ނިންމާފައި އޮތް 7 ހޮސްޕިޓަލްގެ ބިޑިން މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަފްތާތެރޭގައި އެމަސައްކަތްތައް ކުންފުނިތަކާ އަޅުގަނޑުމެން ހަވާލު ކުރާނަން. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގެ ހޮސްޕިޓަލްތައް. މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެ." ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާ އެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތަކީ ހެލްތު މިނިސްޓްރީން މިވަގުތު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންދާ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙާއްމަދު ޞާލިޙު ވިދާޅުވިއެވެ.

މީގެއިތުރުން ސިއްޙީ ދާއިރާއިން މިއަހަރަށް ކަނޑައަޅާފައިވާ ޢަމާޒުގައި، އާއްމު ސިއްޙަތު ކުރިއެރުވުމުގާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަކީ އެތައް އަހަރެއްވަންދެން އިޙުމާލުވެފައި އޮތް ދާއިރާއެއްކަމަށާއި، މިއީ މިވަގުތު ރާއްޖޭގައި އެންމެ ބޮޑަށް އިތުރުވަމުން އަންނަ ޞިއްޙީ މައްސަލަކަމަށެވެ.

2019 ވަނަ އަހަރު ސަރުކާރުން ވަނީ އައިޖީއެމްއެޗްގައި، ނަފްސާނީ ފަރުވާދޭ މަރުކަޒެއް ޤާއިމުކުރައްވާފައެވެ. އަދި ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސަރވިސަސް ޑިވެލޮޕްމަންޓް ޕްލޭނުގެ ދަށުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސައިކޭޓްރިކް ޚިދުމަތް މިހާރު ޤާއިމުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.