ޚަބަރު

ތުރުކީ މަނަވަރު: ކޯސްޓްގާޑް ދެގުނަ ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދުގައި ހަރުފަތެއް ކުރިއަށް


  • ވަޞީލަތްތައް ޤާއިމުކޮށް އަސްކަރިއްޔާ ވަރުގަދަކުރުމަކީ ރައީސްގެ ވަޢުދުފުޅެއް

  • ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސް، ވަނީ ކޮމިޝަންކޮށްފައި

ދިވެހި އަސްކަރިއްޔާގެ ކަޅުތުއްކަލާ ކޮށީގެ ނަން އެ ބޭފުޅަކަށް ނިސްބަތްކުރެވޭ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (1 ވަނަ)، މަޝްހޫރު ބޮޑުރަސްގެފާނުގެ ދުވަސްވަރު، އޭރު ރާއްޖެއަށް ކުރިމަތިވި އެކި ޙަމަލާތަކުން ޤައުމު ދިފާޢުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ފެށްޓެވިއެވެ. ބޮޑުކޯއްޓޭއެއް ބިނާކުރައްވައި، ބުރުޒުތައް ބިނާކުރެއްވިއެވެ. ބޮޑުފާރުގެ ތެރެއިން ބަޑިދޮރުތައް ކެނޑުއްވިއެވެ. އޭރު ކުރިމަތިވި ހަމަލާތަކަށް ވެރިރަށް މާލެ ނިކަން ރަނގަޅަށް ތައްޔާރުކުރެއްވިއެވެ.

ބޮޑުރަސްގެފާނު ނުވަތަ ކަޅުތުއްކަލާގެ ދުވަސްވަރު، މަލާބާރުގެ ރަސްގެފާނާއި ޕޯޗުގީޒުން ގުޅިގެން 15 އުޅަނދުގެ މައްޗަށް އެކުލެވޭ ބޮޑު ލަޝްކަރެއް މާލެ އައެވެ. މީގެ އިތުރުންވެސް ކަޅުތުއްކަލާގެ ވެރިކަމުގައި 4 ފަހަރު ރާއްޖެ ހިފުމަށް މަލާބާރީންގެ ލަޝްކަރުތައް އައެވެ. މިއިން ކޮންމެ ފަހަރަކުވެސް، ކަޅުތުއްކަލާ ދުޝްމަނުން ބަލިކުރެއްވިއެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަށަވަރުކުރެއްވިއެވެ.

ބޮޑުރަސްގެފާނުގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ހަމާލަތަކުން ދިވެހި ޤައުމު ދިފާޢުވެގެންދިޔަ ސަބަބުތަކާ މެދު ވިސްނާލަންޖެހެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ދިފާޢީ ވަޞީލަތްތައް ޤާއިމުކުރުމަށާއި އަސްކަރިއްޔާ ވަރުގަދަކުރެއްވުމަށް ކަޅުތުއްކަލާ ދެއްވި އިސްކަމެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތީވެސް، ދިފާޢީ ވަޞީލަތްތައް ޤާއިމުކޮށް، ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް، މި ޤައުމުން އެންމެ ވެލި ފުކެއްވެސް ބޭރު ބަޔަކަށް ނުދެއްވާނެކަމުގެ ވަރުގަދަ ވަޢުދުފުޅާއެކެވެ. ސިޔާދަތީ ބާރު ވަރުގަދަކޮށް، މިނިވަންކަން ކަށަވަރުކުރައްވާނެ ކަމުގެ ވަޢުދުފުޅާވެސްއެކުއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތް އެމަނުފާނު ފެށްޓެވިއެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޤާއިމުވެގެން ތިބި އުތުރުކަރައިގެ ސިފައިން، ޑިޕްލޮމެޓިކް ރިވެތި އުޞޫލުގެ ތެރެއިން އަނބުރާ ޤައުމަށް ފޮނުވާލެއްވި ވެރިޔަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ އެމަނިކުފާނު 2023ގެ ރިޔާސީ އިންތިޚާބުގެ ކެންޕެއިންގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. ބޭރުގެ އަސްކަރީ ބަޔަކު މި ޤައުމުގައި ޤާއިމުވެ، ތިބޭ ތިބުން ނިމުމަކަށް ގެނައުމެވެ.

މި ކާމިޔާބަށްފަހު، ދެން އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމެވެ. މި ބާރަށް ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެއް ރާއްޖެ ގެނައެވެ. އަދި އަސްކަރިއްޔާގެ ވައިގެ ބާރު ނުވަތަ އެއަރ ކޯ ތަޢާރަފުކުރެވުމާއެކު ރާއްޖޭގެ ބޮޑު ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ފުޅާވެގެންދިޔައެވެ.

އެއަރކޯއާއެކު އަސްކަރީ ޑްރޯންތައް މެދުވެރިކޮށް، ދިވެހިންގެ އިމުގެ ސަލާމަތާއި ރައްކާތެރިކަން ދިވެހިންނަށް ކަށަވަރުކުރެވެން ފެށިއްޖެއެވެ. އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމުން، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި ހޯދިފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ކަނޑުގެ ސަރަހައްދު މޮނިޓަރކޮށް ބެލެހެއްޓުމުގެ އިތުރަށް ކަނޑުގެ ބާރު ވަރުގަދަކުރެއްވުމަކީވެސް ރައީސް ޚާއްސަ އިސްކަމެއްދެއްވާ ކަމެވެ. އެއަރ ކޯ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު އެކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިތަނުގައި އިޢުލާންކުރަން ބޭނުންވާ ކަމަކީ މި 5 އަހަރު ނިމޭއިރު، މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކުރާނެކަން. އެކި ސައިޒުގެ އުޅަނދުތައް ހޯދައިދީ މިހާރުވެސް އެ މަސައްކަތް އެބަ ހިނގާ. ތުރުކީ ސަރުކާރާއެކީގައި އަދި އެހެން ޤައުމުތަކާއެކު މުޢާމަލާތްތައް ކުރެވެމުންދަނީ. ކޯސްޓްގާޑުގެ ކަނޑުގެ ބާރުގެ ކެޕޭސިޓީ ދުވަހަކަށްވުރެ ދުވަހެއް ދާނީ އިތުރުކުރެވެމުން." ރައީސް ވިދާޅުވިއެވެ.

ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަ ކުރައްވާނެކަމަށް އެ ދުވަހު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ފެށްޓެވި މަސައްކަތުގެ ތެރެއިން މިހާރު މިވަނީ ދިވެހި ކޯސްޓްގާޑު ފްލީޓަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރެއްވި ޑޯގަން ކްލާސްގެ މަނަވަރު ރާއްޖެ ގެނެސް، މިހާރު ވަނީ ކޮމިޝަންކޮށްފައެވެ.

މި މަނަވަރު އޮޕަރޭޓުކުރުމަށް ތުރުކީއަށް ގޮސް، ދިވެހި ސިފައިން ވަނީ ތަމްރީންވެފައެވެ. މިއީ ޙަޤީޤަތުގައިވެސް ކަނޑުގެ ބާރަށް ލިބޭނެ ބޮޑު ކުރިއެރުމެވެ. މިއީ ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަ ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ގިރާކުރެވޭ އިތުރު ހަރުފަތެއްކަމާމެދު ޝައްކެއް ނެތެވެ.