ޚަބަރު

މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ


  • މިއީ މާލޭގެ މަގު ތަކަކީ ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް

  • ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ދަނީ ނަގަމުން

މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ 2 ފަރާތުގައި ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާބިނގާވާ މީހުންނާއި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

އަދި މާލޭގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކުގެ ސަބަބުން ޢާއްމުންނަށް އޭގެ ތަކުލީފުތައް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިން މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ބޮޑުވެއެވެ. ހަމައެއާއެކު ހަލާކުވެ ބޭނުން ނުކުރެވޭ ފެންވަރުގައި ހުރި މިފަދަ އުޅަނދުތަކާއެކު މާލޭގެ މަގުތަކުގެ ހިތްގައިމުކަން ގެއްލުމަކީވެސް ކުރިމަތިވަމުންދާ މައްސަލައެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.

މިކަމަށް ހައްލު ހޯދުމުގެ ގޮތުން މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ ގުޅިގެން ކުރަމުންގެންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއީ މާލޭގެ މަގު ތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައިވެސް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. ހުޅުމާލޭގައިވެސް އެމަސައްކަތް ފަށާފައިވަނީ
އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، ޕާކު ކުރާނެ ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.