ޚަބަރު

ށ.ފޭދޫ ބަނދަރަށް ޖާގަ އިތުރުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ


ށ.ފޭދޫ ބަނދަރަށް ޖާގަ އިތުރުކޮށް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

ށ.ފޭދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ފެށީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

1300 މީހުންގެ އާބާދީއެއް އޮތް ފޭދޫއަކީ ކަނޑު މަހަށްދާ ބޮޑު ދޯންޏާއި ފަރުމަހަށް ދާ ޑިންގީއާއި އެކިކަހަލަ އުޅަނދުތައް ގިނަ ރަށެކެވެ. ރަށަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދައްޗަކީ މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރު ބަނދަރަށް ވަދެ، މުދާ ބޭލޭނެ ފަސޭހަ ގޮތެއް ނެތުމެވެ.

ބަނދަރުގެ ޖާގައިގެ ދަތިކަމުގެ އިތުރުން، ބަނދަރު މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ބަނދަރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ބަނދަރަށް ވެލި ވަދެ ތިލަވުމުގެ ސަބަބުން، ބޮޑެތި ބޯޓުފަހަރު ބަނދަރަށް ވަދެ ނިކުތުމުގައި ނުރައްކާ ބޮޑުކަން ރަށުގެ ކައުންސިލުންވެސް ފާހަގަކުރައްވައެވެ. ހިކިދިޔައިގައި ބައެއް އުޅަނދުތައް ނެރުމައްޗަށް ބީހޭކަމަށްވެސް ރަށު ކައުންސިލުން ވިދާޅުވެއެވެ.

މިހުރިހާ ކަމަކަށް ހައްލު ހޯއްދަވާދެއްވުމުގެ ގޮތުން ސަރުކާރުން ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް، މިހާރު މަސައްކަތްވަނީ މުޅިން ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން، 25456 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 9000 ކިއުބިކް މީޓަރުގެ
ސަރަޙައްދެއްގެ ނެރު ފުންކޮށް، 280 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލައި، 110 މީޓަރުގެ ސަރަޙައްދެއްގައިވަނީ
ރިވެޓްމެންޓް ޖަހާފައެވެ. މީގެއިތުރުން 317 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 1782 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ
މަސައްކަތް މިމަސައްކަތުގެ ދަށުންވަނީ ކުރިއަށް ގެންގޮސްފައެވެ.

ބަނދަރުގެ މަސައްކަތް ނިމުމާއެކު ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ޓީ-ޖެޓީއެއް އިތުރުވެ، ކޮޅުވެއްޓި ފަދަ އުޅަނދުތައް ކައިރިކުރެވޭނެ ރޭމްޕެއް ބަނދަރަށް އިތުރުވެފައެވެ. މިއާއެކު އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ފޭދޫގެ ރައްޔިތުންނަށްވަނީ ލިބިގެންގޮސްފައެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން 35.6 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސަރުކާރުން އަންނަނީ ރަށްރަށުގައި ހުރި ލަފާފުރުމުގެ މައްސަލަ ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްމުންނެވެ. އެގޮތުން ބަނދަރު ނެތް ރަށްރަށުގައި އަލަށް ބަނދަރު ހެދުމާއި، ބަނދަރުތައް މަރާމާތުކުރުމާއި، ބަނދަރުތަކުގައި ޖާގަ އިތުރުކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.