ޚަބަރު

މޫސުމީ މައްސަލަތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ވަކާލާތުކުރަން ޖެހޭ: ޞަބްރާ


ރާއްޖެއަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިވަމުންދާ ނުރައްކާތަކާއި ބެހޭ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ވަކާލާތުކުރުން މުހިއްމުކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ އާއި ދަޢުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމްކުރާ 7 ވަނަ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި ކުރިޔަށްދިޔަ ޕެނަލެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޞަބްރާ ވަނީ ކޮޕް-27އިން ހާސިލްކުރެވުނު މުހިއްމު ކަންކަމާއި، މިއަހަރު ޔޫއޭއީގައި ބާއްވާ ކޮޕް-28ގައި ހާސިލްކުރަން ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.

އެގޮތުން، ނިމިދިޔަ ކޮޕް ސަމިޓުގައި ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކާއި، އެހެން ނާޒުކު ޤައުމުތަކަށް ލިބުނު އެއް ކާމިޔާބަކީ ލޮސް އެންޑް ޑެމޭޖް ފަންޑެއް ޤާއިމުކުރަން ނިންމި ނިންމުންކަމުގައި ޞަބްރާ ފާހަގަކުރެއްވިއެވެ. އަދި އެކަން ޙާސިލްކުރުމުގައި ދިވެހިރާއްޖެއިން އަދާކުރި މުހިއްމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ. ޞަބްރާ ވިދާޅުވީ މި ނިންމުމުގެ ސަބަބުން މޫސުމީ މައްސަލަތައް މިހާރު އޮތް ނާޒުކު ހާލަތު ދުނިޔޭގެ ޤައުމުތަކަށް ޤަބޫލުކުރެވިގެން ދިޔަކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި، މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އިސްވެ ހުންނަވައިގެން ކޮޕް-27ގައި އަދާކުރެއްވި ދައުރަށް ކްލައިމެޓް އެންވޯއީ ތަޢުރީފުކުރެއްވިއެވެ.

ކޮޕް-28ގައި ރާއްޖެއިން ހާސިލްކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ޞަބްރާ ވިދާޅުވީ، މިދިޔަ ކޮޕް ސަމިޓުގައި ޤާއިމުކުރެވުނު ލޮސް އެންޑް ޑެމޭޖް ފަންޑަށް ޢަމަލީ ސިފައެއް ގެންނަން ވަރަށް ބޮޑަށް ބާރު އަޅުއްވާނެކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ގޮވާލަމުންދާ ކަންކަމަށާއި، މޫސުމީ މައްސަލަތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ބާރުއަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.


މޫސުމީ މައްސަލަތަކުގެ ސާފު މަޢުލޫމާތު ޢާއްމުންނާ ހަމަޔަށް ގެނެސްދިނުމުގައި މީޑިއާގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ، ޞަބްރާ ވިދާޅުވީ، ކޮޕް ނުވަތަ މިފަދަ އެހެން ސަމިޓްތައް ކުރިޔަށްދާއިރު ޓެކްނިކަލް ވާހަކަތައް ޢާއްމުންނަށް ތިލަވާނެފަދަ ގޮތަކަށް ގެނެސްދިނުމަކީ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށެވެ. އަދި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މޫސުމާ ގުޅުންހުރި މައުލޫމާތުތައް އާއްމުންނާ ހަމަޔަށް ގެނެސްދިނުމަށްވެސް އޭނާ ގޮވާލެއްވިއެވެ. މީޑިއާއިން އަދާކުރެވިދާނެ ދައުރާ މީޑީއާއަށް ލިބިފައިވާ ފައިދާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްވެސް ޞަބްރާ އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ރާވާފައިވާނީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާ ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙީއްސާކުރުން" މި މައުޟޫއުގެ މައްޗަށެވެ. އެގޮތުން، މޫސުމާ ގުޅުންހުރި އެކި ދާއިރާތަކުން ދާއިރާގެ ތަޖުރިބާކާރުން ބައިވެވެރިވެވަޑައިގަންނަވާ ގޮތަށް ގިނަ ޕެނަލް ޑިސްކަޝަންތަކެއް މި ސަމިޓްގައި ކުރިޔަށްދެއެވެ.