ޚަބަރު

އީޕީއޭ ހިނގަނީ މިނިވަންކަމާއެކު، ސިޔާސީ އެއްވެސް ނުފޫޒެއް ނެތި: ޝައުނާ


އެންވައިރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަވަނީ މިނިވަން ކަމާއެކު ކަމަށާއި، އެ އެޖެންސީގެ މައްޗަށް ސިޔާސީ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ވެވަޑއިގެންފައިވާ ވަޢުދާ އެއްގޮތަށް އީޕީއޭ، މިނިވަން ތަނެއްގެ ގޮތުގައި ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވަނީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދަކަށްވާއިރު، އެ ވަޢުދު ނުފުއްދައި ދިގުލައިގެންދަނީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ. އެ ސުވާލުގެ ޖަވާބުގައި އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަނީ އީޕީއޭ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކާއި، މިހާރު އީޕީއޭ އޮތް ޙާލަތާ ގުޅޭގޮތުން ތަފްޞީލުކޮށް ޖަވާބު ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އީޕީއޭ މިނިވަން މުސްތަޤިއްލު ތަނަށް ހެެދުމަށް އެންމެ ގަދަޔަށް ވަކާލާތު ކުރަމުންދިޔައީ 2015 ވަނައަހަރު އެންވާރުމަންޓް އެސެސްމަންޓް ހެދުމާއި، ފާސްކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރެއްވުމުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމުގައި ޤާނޫނަށް އިޞްލާޙު ގެންނަވައި އީޕީއޭގައި އޮތް އެ ބާރުވެރިކަން އަލުން އެ އެޖެންސީއަށް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކުގައި، ތިމާވެށީގެން ކަންކަން ބެލެހެއްޓުމުގެ ބާރު އެ ޤައުމެއްގެ ސަރުކާރަކަށް ނޯންނަގޮތަށް ހަމަޖެހިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިނގިރޭސިވިލާތާއި، ސިންގަޕޫރާއި، އެމެރިކާ ފަދަ ޤައުމުތަކުގައިވެސް ތިމާވެށީގެން ކަންކަން ރެގިއުލޭޓްކުރުމުގެ ބާރު ސަރުކާރާއި ވަކިކުރެވިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެފަދަ ތިމާވެށީގެން ގޮތުން ނާޒުކު ވެށްޓެއް އޮތް ޤައުމެއްގައި ސަރުކާރުގެ ބާރުވެރިކަން ނުހިނގާ ގޮތަކަށް ދޫކޮށްލުމަކީ އޭގެ ގެއްލުން ރައްޔިތުންނަށްވެސް ފޯރާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކަނޑައެޅި ސިޔާސަތާއި އެއްގޮތަށް މިހާރު އީޕީއޭ ހިނގަމުންދަނީ މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކުގައި ކަމަށެވެ. މިހާރު އީޕީއޭގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، އެ ތަނުގައި މަސައްކަތް ކުރައްވާ މުވައްޒިފުންގެ ނަޒާޙަތްތެރިކަމާ މެދުވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މެނިފެސްޓޯގައި އޮތްގޮތަށް 100 ދުވަހުގެ ވަޢުދާ އެއްގޮތަށް އީޕީއޭ ބާރުވެރިކޮށް މިނިވަން ކަމާއެކު ހިންގޭގެ ގޮތް ވާނީ ހަދައިދީފައި. އެއްވެސް ސިޔާސީ އަދި ސިޔާސީ ނޫންވެސް ނުފޫޒެއް އީޕީއޭގެ މައްޗަށް މިހާރަކު ނުހިނގާ. އެތަނުގެ މިހާރު ތިބި މުވައްޒިފުންގެ އިންޓަރގްރިޓީއާ މެދުވެސް އަޅުގަނޑުމެން ކޮންފިޑެންސް އެބައޮތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް ޒިންމާދާރު މަސައްކަތްތަކެއް ކުރުމަށް ފަށްޓަވާފައިވާ މަސައްކަތްތަކުން ހެޔޮ ނަތީޖާތަކެއް ފެންނަމުން އަންނަކަމަށެވެ. އަދި އީޕީއޭއާއި ސަރުކާރުން ވެސް މަސައްކަތް ކުރަމުންދަނީ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި، އެކަން މި ސަރުކާރުން ކަށަވަރު ކުރައްވާނެކަމަށް ވެސް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވިއެވެ.