ޚަބަރު

ދިއްދޫގެ ތަފާތަކީ ކުޅުންތެރިންގެ ހިތްވަރު: މޫސަ


  • ދިއްދޫން ވަނީ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފައި

  • ދިއްދޫން ނުކުންނާނީ ހޯމް މެޗުތަކަށް ދާއިރު، 6 ޕޮއިންޓް ހޯދަން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބުން ދައްކަމުން އަންނަ ކުޅުމުގައި އެ ޓީމުގެ ތަފާތަކީ ކުޅުންތެރިންގެ ހިތްވަރު ކަމަށް ކޯޗު މޫސާ އިބްރާހީމް ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫން ފުރަތަމަ ފަހަރަށް ވާދަކުރާއިރު، އެ ޓީމުން މިހާތަނަށް ދެ މެޗު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބްގެ އަތުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ދިއްދޫއިން ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ ކޮންފިޑެންސާއެކުގައި ކަން މޫސަ ފާހަގަކުރިއެވެ.

މޫސަ ބުނީ ދިއްދޫން އަވޭ މެޗުތައް ކުޅެން މާލެ އައީ އެންމެ މަދުވެގެން ހަތް ޕޮއިންޓާއެކުގައި ހޯމް މެޗުތަކަށް ދިޔުމުގެ އަޒުމުގައި ކަމަށެވެ. އެކަމަކު ވިކްޓްރީ އަތުން ފަހު ވަގުތު ވި ބައްޔާއެކު މިހާރުގެ ޓާގެޓަކީ ހަ ޕޮއިންޓާއެކު ހޯމް މެޗުތަކަށް ދިޔުން ކަން މޫސަ ފާހަގަކުރިއެވެ.

މޫސަ ބުނީ ވިކްޓްރީ މެޗަކީ ދިއްދޫ ޓީމަށް ލިބުނު ފިލާވަޅެއް ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ދިއްދޫން ނުކުންނާނީ 100 މިނިޓަށް (މެޗު ނިމެންދެން) ތައްޔާރުވެގެން ކަމަށެވެ.

މޫސަ ބުނީ ބިސްބުރަކީ ބަލި ޓީމެއް ނޫން ކަމަށާއި، ދިއްދޫއާ ބިސްބުރަކީ އެއް ލެވަލްގެ ދެ ޓީމު ކަމަށެވެ. އަދި އެއް ލެވަލްގެ މެޗުތަކުން ތިން ޕޮއިންޓް ހޯދުން ނޫން ގޮތެއް ނެތް ކަމަށް މޫސަ ބުންޏެވެ.

ދިއްދޫން ބިސްބުރާ ދެކޮޅަށް ކުޅޭނީ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެ އަށްފަހު އަންނަ މަހު ދިއްދޫން އެ ރަށުގައި ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ.