ޚަބަރު

އެފްކޮންސްގެ ޖޫރިމަނާ މަޢާފްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: ޝައުނާ


ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ގެއްލުންވި މައްސަލާގައި، 69 މިލިއަން ރުފިޔާއިން އެފްކޮންސް ކުންފުނި ޖޫރިމަނާކުރުމަށް ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ގެނެސް، ޖޫރިމަނާ މަޢާފްކުރެއްވުމުގެ ވިސްނުމެއް ނެތްކަމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޯގަސްޓްމަހު ފަރަށް އަރާފައިވަނީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅުމުގެ ތެރޭގައެވެ. ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ނެގޭވަރުވީ، ފަރަށް އެރިތާ 12 ދުވަސްވީ ފަހުންނެވެ. އަދި ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއްވެ، ބޮޑެތި ވަޅުގަނޑުތައް ފަރުތެރޭގައި ހެދިފައިވާތަން ފޮޓޯތަކާއި ވީޑިއޯތަކުން ފެނެއެވެ.

ވިލިމާލޭގެ ހުޅަނގު ފަރާތު ފަރަށް ޕްލެޓްފޯމް އެރުމާ ގުޅިގެން ފަރުގެ މާޙައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އަދި ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން އީޕީއޭއިން، އެފްކޮންސް ކުންފުނި ޖޫރިމަނާކޮށްފައިވަނީ 69,411,800.00 (ފަސްދޮޅަސް ނުވަ މިލިއަން ހަތަރުލައްކަ އެގާރަހާސް އަށްސަތޭކަ) ދިވެހި ރުފިޔާއިންނެވެ.

މި ޖޫރިމަނާ ދެއްކުމުގައި ކުންފުނިން ޢަމަލުކުރަމުންދާ ގޮތާއި، ސަރުކާރުގެ ވިސްނުން ހުރި ގޮތް ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިމައްސަލަ އެފްކޮންސްއިން ވަނީ އެޕީލްކޮށްފައި ކަމަށެވެ. އެފްކޮންސްއިން ހުށަހެޅި މައްސަލައިގެ ލީގަލް ރިވިއު މިހާރު ނިމިފައިވާ ކަމަށާއި، ލީގަލްއިން ލަފާދީފައިވަނީ މިމައްސަލާގައި އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ވަނީ އެމަރުޙަލާ ފަށްޓަވާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެފްކޮންސްގެ މުޖޫރިމަނާ މަޢާފްކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެވެސް، ސަރުކާރުގެވެސް ނެތްވާހަކަ ދަންނަވާލަން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

އީ.ޕީ.އޭގެ އެސެސްމެންޓް ރިޕޯޓުންނާއި، ޕްލެޓްފޯމުގެ ވެރިފަރާތުން ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކުރުމަށްފަހު، ޕްލެޓްފޯމްގެ ބައިތަކުންނާއި، އެތަކެތި ނެގުމަށް ކުރެވުނު މަސައްކަތުން އެ ސަރަޙައްދުގެ ފަރުގެ އެކި ދިމާދިމާއިން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. އެގޮތުން 2755 އަކަމީޓަރުގެ ސަރަޙައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީ.ޕީ.އޭއިން ފާހަގަކުރައްވާފައިވެއެވެ. ފަރަށް ލިބުނު ގެއްލުންތައް ބެލިއިރު ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަ ބޮޑެތި ވަޅުގަނޑުތައް ވަނީ ހެދިފައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުގެ މި ހަތަރު އަހަރުގެ ތެރޭގައި އެޗްޕީއޭގެ މިންގަނޑުތަކާ އެކި ފަރާތްތަކުން ޚިލާފްވެގެން 40 މައްސަލައެއްގައި 600 މިލިޔަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކުރައްވައިފައި ވާކަމަށެވެ. އެފައިސާގެ ތެރެއިން މިހާތަނަށް ތިންބައިކުޅަ އެއްބައި ފައިސާވަނީ ލިބިވަޑައިގެންފައިކަމަށެވެ.

"މިއީ ދިވެހި ސަރުކާރުގެ ތާރީޚުގައިވެސް ޖޫރިމަނާކޮށްގެން އަޅުގަނޑުމެންގެ ސަރުކާރަށް ހޯދުނު އެންމެ ގިނަ ފައިސާކަންވެސް އަޅުގަނޑު ޔަގީންކަމާއިއެކީގައި ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރައްވައި ޤާނޫނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ޒިންމާދާކުރުމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ޖޫރިމަނާތައް ކުރަންޖެހޭނަމަ އޮންނަ އުޞޫލުން އެފަރާތަކާ މެދު ޢަމަލު ކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ޝައުނާ ދެއްވިއެވެ.