ޚަބަރު

އިނގުރައިދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރައްވަން 76 މިލިޔަން ރުފިޔާގެ މަޝްރޫޢެއް


ރ. އިންގުރައިދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ކޮންޓްރެކަޓަރަކާ ޙަވާލުކުރައްވައިފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ޙަވާލުކުރެއްވީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަސްލަމެވެ.

އިނގުރައިދޫ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެއްވީ 540 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢަށް 76.86 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރެއްވުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށްޓަވައިފައެވެ. އަދި އަތޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެއްދެވުމުގެ މަސައްކަތްތައް ގެންދަވަނީ ކުރައްވަމުންނެވެ.

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރައްވަން ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގަވާ މަސައްކަތެކެވެ. މިމަސައްކަތަކީ ޞިއްޙީ ޚިދުމަތް ހޯދަން މާލެ އަންނަންޖެހޭ އައުން މަދުކޮށް، އަމިއްލަ ރަށުގައި ނުވަތަ ޞަރަޙައްދުގައި ތިބެގެން ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ރަށްރަށުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އާބާތުރަ ފިލުވައި، ޖާގަ އިތުރުކުރއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.