ޚަބަރު

މާޅޮހު ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ޖޫންމަހަށް ނިންމަނީ


ބ. މާޅޮހު ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އަންނަ ޖޫންމަހަށް ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ސީ އައުޓްފޯލް އެޅުމާއި، އިލެކްޓްރޯނިކް މެކޭނިކަލް މަސައްކަތްތައް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެރަށުގައި ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ކުރުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ މަސައްކަތަށް ބަލާއިރު އެންމެ ފަހުން ނިންމާލި ބޮޑު މަސައްކަތަކީ ފެން ރައްކާކުރުމަށް ބަހައްޓާ 3 ތާންގީ ބެހެއްޓުމުގެ މަސައްކަތެވެ. އެރަށުގައި ފެން ރައްކާކުރުމަށް 310 އަކަމީޓަރުގެ ދެ ތާނގީއާއި ވާރޭފެން ރައްކާކުރުމަށް 740 އަކަމީޓަރުގެ ތާންގީ ވަނީ ބަހައްޓާފައެވެ. އަދި ޕަންޕް ސްޓޭޝަނަކާއި، 144 ސްވަރޭޖް މެއިން ހޯލް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ ތެރެއިން މިހާރު ނުނިމިހުރީ ސީ އައުޓްފޯލް އެޅުމުގެ މަސައްކަތާ، އިލެކްޓްނިކަލް މެކޭނިކަލް މަސައްކަތެވެ. އެެއީ ޕްލާންޓް ހައުސްގައި ކުރަންޖެހޭ ކަރަންޓްގެ މަސައްކަތްތަކާއި، ޕްލާންޓް އިސްޓޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތަތަކެވެ. ނަޖިސް ފެން ބޭރުކުރާ ހޮޅި ނުވަތަ ސީ އައުޓްފޯލް އެރަށުގައި އަޅާނީ ހޮރިޒޯންޓަލް ޑްރެޖިން ނުވަތަ ފަރު ތޮރުފައިގެންނެވެ.

"އެންމެ ފުރަތަމަ މި މަސައްކަތް ކޮށްފައިވަނީ އއ. ހިމަންދޫގައި. މިއީ ވަރަށް ކާމިޔާބު ފަސޭހަ ގޮތެއް އަދި މީގެ ސަބަބުން ރަށުގެ ފަރު މަތީގައި ބޮޑެތި ކޮންކްރީޓް ބުޑުތައް ފެންނާކަށް ނުހުންނާނެ. އަދި ފަތުރުވެރިން ސްނޯކްލް ކުރާއިރު އެ ހޮޅީގަޔާ ގައުތަކުގައި ފެހި ޖަހާފައި ހުންނަތަނެއް ނުފެންނާނެ. އެެހެންވެ މި ސިސްޓަމްއަށް މަސައްކަތް ބަދަލުކުރަނީ" އެމް.ޑަބްލިއު.އެސް.ސީން މައުލޫމާތުދެއެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި، 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

700 ހާމީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މާޅޮހަކީ ލޯކަލް ޓުއަރިޒްމް ބ. އަތޮޅުގައި އެންމެ ހަލުވިކަމާއެކު ފުޅާވަމުން އަންނަ އެއްރަށެވެ. ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ނެތުމުން ރަށުގެ ބިމުން ނަގާފެނުން ފެންވަރައިގެން ނުބައިވަސްދުވާތީ ފަތުރުވެރިންގެ ސީދާ ޝަކުވާ ކައުންސިލަށް ލިބެމުން ދިޔައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.