ވިޔަފާރި

ފެބްރުއަރީމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ. އަދި ރ. އަތޮޅުން


މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކ. އަތޮޅާއި ރ. އަތޮޅުންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރައްވައިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ފެބްރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 91.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓް، ގެސްޓްހައުސް އަދި ހޮޓެލްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 89 މިލިއަން ރުފިޔާ އާއި، ސަފާރީތަކުން ލިބިފައިވާ 2 މިލިއަން ރުފިޔާ އާއި ހޯމްސްޓޭ ފެސިލިޓީތަކުން ލިބުނު 321 ރުފިޔާއެވެ.

ފެބްރުއަރީމަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ދަށްވެފައެވެ. ޖަނަވަރީ މަހު 100.7 މިލިއަން ރުފިޔާ ވަނީ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ފެބްރުއަރީމަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ މުޅި ޖުމްލަ 35،160،058 މިލިއަން ރުފިޔާއެވެ. މީގެތެރޭގައި ރިސޯޓްތަކުން ލިބިފައިވާ 33.2 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބިފައިވާ 1.8 މިލިއަން ރުފިޔާ ހިމެނެއެވެ.

2 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ގްރީން ޓެކްސް ލިބިފައިވަނީ ރ. އަތޮޅުންނެވެ. އެއީ 7،431،906 މިލިއަން ރުފިޔާއެވެ. މީގެތެރެއިން %99 އަކީ ރިސޯޓްތަކުން ލިބިފައިވާ ޓެކުހެވެ.

މިއަހަރުގެ ފެބްރުއަރީމަހު ގްރީން ޓެކުހުގެ ގޮތުގައި 3 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އދ. އަތޮޅުންނެވެ. އެއީ 7،037،075 މިލިއަން ރުފިޔާއެވެ.

ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަަންނަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ރޭޓުންނެވެ.