ރ. ފައިނުގައި ރައްކާތެރި ފެނުގެ ޚިދުމަތް ދޭން ބަހައްޓާ ފެން ރައްކާކުރާ ތާންގީތައް ރާވާ ނިމި މައިހޮޅި ވަޅުލުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޑަބްލިޔުއެސްސީން ހާމަކުރައްވައިފިއެވެ.
ފައިނު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ހަވާލުކުރި ބައިގައި ފެނާއި ނަރުދަމާގެ މައިހޮޅިވެސް ވަނީ ވަޅުލާ ނިންމާފައެވެ. މިމަސައްކަތުގެ 99 އިންސައްތައް މިހާރު ނިމިފައިވާއިރު ނުނިމިވަނީ އެރަށުގައި އަލަށް އާބާދުވާ ސަރަޙައްދުގައި ހޮޅިވަޅުލުމުގެ މަސައްކަތެވެ. އެއީ، ކުރެހުން ފައިނަލްކޮށް ބަޖެޓް ހެދިފަހުން މިމަސައްކަތަށް އިތުރުކުރި މަސައްކަތެކެވެ.
ފައިނު ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެ ސަރަހައްދުގައި މަސައްކަތް ނުފެށިވަނީ އެކަމުގެ ހުއްދަ އަދި ނުދެއްވާތީއެވެ.
ފައިނު ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، މިހާރު ކުރިއަށްދަނީ ގެތަކަށް ފެންގުޅުމާބެހޭ މަސައްކަތް ކަމަށެވެ.
ފައިނު ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ތެރެއިން ފެން ރައްކާކުރުމަށް ބަހައްޓާ 2 ތާނގީ އާއި ވާރޭފެން ރައްކާކުރުމަށް ބަހައްޓާ ތާންގީ ރާވާ ނިމި، އާރުއޯ އިމާރާތްވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. މިއިމާރާތުގައި ނުނިމި ހުރީ ފިނިޝިން ބައެއް މަސައްކަތްތައް ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރާ ޙަވާލާދީ އެރަށު ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން މަގުތަކުގައި ބަހައްޓަންޖެހޭ ޖަންކްޝަންތަކާއި ޕަންޕިން ސްޓޭޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
ރ. ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މިމަޝްރޫޢުގެ ދަށުން އެރަށުގައި 5.38 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކޮށް 130 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭނެއެވެ. މީގެ ތެރޭގައި އަލަށް އާބާދުވާ ސަރަަހައްދުގައި ހުރި ގެތަކެއް ނުހިމެނޭނެއެވެ. އަދި ދުވާލަކު ވިހި ޓަނުގެ ފެން އުފެއްދޭވަރުގެ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.86 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 130 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ޕަމްޕްސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލެއް އަޅައި 1.53 ގެ ޕަންޕިން މެއިންއެއް ޤާއިމްކުރުންވެސް ހިމެނެއެވެ. އަދި ވާރޭފެން ހިންދުމަށް ޚާއްޞަ ނިޒާމެއް ވެސް އެރަށުގައި މިމަޝްރޫޢުގެ ދަށުން ޤާއިމްކުރާނެއެވެ.
480 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ފައިނުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމަކީ އެ ރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި ރަށުގެ ރައްޔިތުން ތިބީ މިކަމަށް އަވަސް ޙައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ފައިނުގައި ފެނާއި
ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށް ޕްލޭނިންގް މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ޙަވާލުކުރީ 63.3 މިލިއަން ރުފިޔާ އަށެވެ.