ޚަބަރު

ކެނދިކުޅުދޫ ބަނދަރުގެ މަސައްކަތް ރޯދައިގެ ފަހުން ފަށަނީ


ނ.އަތޮޅުގެ އެންމެ ބޮޑު އެއްރަށް ކެނދިކުޅުދޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތާއެކު ރަށަށް މިހާރަށްވުރެ ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ކެނދުކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވީ ބަނދަރު ކުޑަވެ ޖާގަ ނެތުމުގެ ސަބަބުން އެތައް ގޮތަކުން ކުރިއަރައި ދިއުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

މިހާރު އެރަށު ބަނދަރު ހަދާފައި އޮންނަނީ ރަށުގެ ދެކުނު ފަރާތުގައި ކަމުން ހުޅަނގުގެ ގަދަ ދުވަސްތަކުގައި ބަނދަރަށް ވަދެ ނުކުތުމަށް ހަދާފައި އޮންނަ ނެރުގެ ފައިކަށިތައް ނެތުމުން ބޮޑެތި ބާނި ވައްދާ ފަޅު ގަދަވުމަކީ ބަނދަރު ބޭނުން ކުރުމުގައި އޮތް އެންމެ ބޮޑު ދަތިކަމެވެ.

ކެނދުކުޅުދޫ ކައުންސިލްގެ ރައީސް މުހަމަދު ރައޫފް ވިދާޅުވީ ދެރަށް އެއްކޮށްލައިގެން މީހުން އާބާދުވަމުންދާ ކެނދިކުޅުދޫގައި މިހާރު އޮތީ ނިސްބަތުން ވަރަށް ކުޑަބަނދަރެއްކަމަށެވެ. އެހެން ކަމުން ބަނދަރު ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވާކަމަށާ، ވަކިން ޚާއްސަކޮށް ކަނޑު ގަދަ ދުވަސްތަކުގައި އެކަމުގެ ދަތި އުނދަގޫ ރައްޔިތުންނަށާ އޮޑިވެރިންނަށް ކުރިމަތިވަމުންދާ ކަމަށް ރައޫފް ވިދާޅުވިއެވެ.

"އެންމެ ބޮޑު ދަތިކަމަކީ ބަނދަރުގެ ނެރުފައިކަށި ނެތުމުން ވައްދާ ބާނިތަކުން ފަޅު ގަދަވުން، އެކަމަށް މިހާރު އެއޮތް މަސައްކަތް ތެރެއިން ހައްލު ލިބިގެން ދާނެ އެގޮތަށް އެއޮތީ ބަނދަރު ޑިޒަިންކޮށްފައި" ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވިއެވެ.

ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުން އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އެރަށުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާއިރު އެ ހޮސްޕިޓަލު އިމާރާތްކުރާނީ ބަނދަރު ސަރަހައްދުގައެވެ. ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުން ހޮސްޕިޓަލުން ޚިދުމަތް ހޯދަން ދާ ފަރާތްތަކަށާ، އެރަށުގައި އޮންނަ ކުޅި ނުވަތަ އީކޯ ޕާކް ބަލާލަން ދާ މީހުންނަށާ ފަތުރުވެރިންނަށް ބަނދަރުން ސަރަހައްދުތަކެއް ކަނޑައެޅިގެން ދާނެވެ. އަދި އަތޮޅު ފެރީ އާއި މުދާ އަރުވާ ބޭލުމަށްވެސް ވަކި ސަރަހައްދެއް ކަނޑައެޅިގެންދާނެކަަމަށް ރައޫފް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރއަށް ގެންދާ މަސައްކަތުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ބަނދަރުގެ އުތުރުން ބަނދަރު ބޮޑުކުރުމާ ބަނދަރުގެ ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި ބަނދަރު ބޮޑުކުރާ ބައިގެ 200 މީޓަރު ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، ބެކްފިލް ކުރާބައިގެ 130 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓްޖަހާ 246 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ލުމާއި 249 އެއްގަމު ތޮށްޓެއް ލުމާއި، 86 މީޓަރުގެ ޖެޓީއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ އުޅަނދުތައް އެހެލުމަށް ޚާއްސަކޮށްގެންވެސް އޭރިއާއެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

ކެނދިކުޅުދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އެރަށަށް ވަޑައިގެން ވެފައިވާ ވައުދެއްކަމަށާއި އެވައުދު ފުއްދަވައި ދެއްވުމަށް މަސައްކަތް ކުރާކަމީ ރައްޔިތުންނަށް ދިމާވެފައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްކަން ދޭކަން ދައްކުވައިދޭކަމެއްކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވިއެވެ.

މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ 79.02 މިލިއަންރުފިޔާއަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މައުލޫމާތު ލިބޭގޮތުގައި މި ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.