ޚަބަރު

އޭދަފުށީ މީހުން ފޫހިނުވި "ގިރުވިދިޔަ" އާއި "ފަތު ސަޓަނި"


ރޯދަމަހަކީ އަޅުގަނޑުމެންގެ ސަގާފަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި އޮންނަ މަހެކެވެ. ހެޔޮ އަމަލުކޮށް އަޅުކަމަށް ވަގުތުދެމުން ރޯދަވީއްލުމަށް ތައްޔާރުވަނީ އެބަޔަކަށް އަބަދުވެސް އެންމެ މީރުކާއެއްޗެހިންނެވެ. އެކި މީހުންނަށް މީރުވާނީ އެކިއެކި އެއްޗެއްސެވެ. ބައެއް މީހުންނަށް ހެދިކާ އާއި ޕިއްޒާ، ބާގަރ ފަދަ ޒަމާނީ ކެއުންތަކެވެ. އެހެންނަމަވެސް އޭދަފުށީގައި ސުފުރާމަތިން އަދިވެސް ފެންނަނީ އެންމެ ކުރީގެ ސަގާފަތެވެ.

އޭދަފުށީ އެންމެން ކަހަލަ ގޮތަކަށް ރޯދަ ވީއްލާ ގަޑީގައި ކާލަން އެންމެ ބޭނުންވަނީ ލޮނުމިރުހު ދިޔައާއި ބަތް ނުވަތަ ރޮށްޓެވެ. މީގެ އިތުރުން އޭދަފުށްޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މަޤުބޫލުކަން ހޯދާފައިވާ ފަތު ސަޓަންޏަކީ މިކެއުމަށް އިތުރު މީރުކަމެއް ގެނެސް ދޭ އެއްޗެކެވެ.

އޭދަފުށީގައި ރޯދަމަހު ސުފުރާމަތިން މިކެއުން ފެންނަތާ ނުވަތަ ރޯދަވީއްލާގަޑީގައި މިކެއުމަށް އިންސާފު ކުރާތާ މިހާރު 50 ހަކަށް އަހަރު ވެދާނެއެވެ. ބެލެވޭ ގޮތުގައި މިއީ އޭދަފުށްޓަށް މީހުން ބަދަލުކުރި ދުވަސްވަރު އެމީހުން ކެއިން ބުއިމަށް ބޭނުން ކުރި އެއްޗެކެވެ.

ރަށްރަށުގައި ދިރިއުޅޭ މީހުން އެޒަމާނުގައި ކެއުމަށް އާންމުކޮށް ބޭނުން ކުރީ ބަތާއެކު ރިހާކުރު، ގަރުދިޔަ، ނުވަތަ ހަކުރެވެ. ރިހާކުރު ނުވަތަ ގަރުދިޔައާއި ބަތް ކާއިރު، ލޮނުމިރުސް ލުމުން ކެއުމުގެ ރަހައަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. މިއީ އެގޮތައް އުފެދުނު ދިޔައެއް ކަމަށް ބެލެވެއެވެ.

އާންމުކޮށް ރާއްޖޭގެ ބައެއް ސަގާފީ ކެއުންތަކުން ފެންނަ ދިޔައާއި އޭދަފުށީ މީހުން ރޯދަމަހު ކެއުމަށް ގިރުވާ ދިޔަ ވަރަށް ތަފާތެވެ. އާންމުކޮށް އެފެންނަނީ ރިހާކުރު ދިޔައެވެ. އޭދަފުށީ މީހުން ގިރުވަނީ ލޮނުމިރުހު ދިޔައެވެ. އެއީ ރޯދަމަހަށް އެކަނި އޭދަފުށީ މީހުންނަށް މަޝްހޫރު ދިޔައެއްނޫނެވެ. އަބަދުވެސް ކެއުމަށް ބޭނުން ކުރާ އެއްޗެކެވެ.

ލޮނުމިރުސް ދިޔަ

ލޮނުމިރުސް ދިޔައަކީ "ލޮނުމިރުސް ފުނޑައިގެން ރިހާކުރާ ފެން އެއްކޮށްގެން ލުނބޯ ޖަހައިގެން ހަދާ ދިޔައެކެވެ" ކުރިން ދަލުގައި ފުނޑައިގެން ލޮނުމިރުސް ހެދިނަމަވެސް އެއީ މިޒަމާނަށް ގެއްލެމުންދާ ސަގާފަތެކެވެ. ކުރީގެ ހަނދާތަކަށް ޖެހިލާއިރު ލޮނުމިރުސް ފުނޑުމަށް މީހުން ކިޔޫ ޖެހިފައި ތިބޭ މަންޒަރު ފެނެއެވެ. އެހެންނަމަވެސް ޒަމާނަށް އަންނަ ބަދަލާއެކު ފުޑާ ދަލާއި އެއްޗެހި ތަޅަން ގެންގުޅޭ ވަން ފަދަ އެއްޗެއްސަކީ މިހާރު އެނެތަސް މިކަންކަމަަށް ފުދޭނެ އެއްޗެއްސެވެ. އެކަމު ރަހަތަފާތު ވާނެއެވެ.

ފަތު ސަޓަނި

ފަތު ސަޓަންޏަކީ ކޮޕީފަތް ނުވަތަ ކުއްޅަފިލާފަތް ތުނިކޮށް ކޮށާފައި ރިހާކުރު، ރިހާކުރު ބޮނޑި، ފިޔާ، މިރުސް، އަދި ހުނިކޮޅެއް ލައިގެން މޮޑޭ ސަޓަންޏެކެވެ. މިސަޓަނި ނެތިއްޔާ އޭދަފުށީ މީހުންނަށް ރޯދަމަހު ރޯދަވީއްލަން ވަރަށް އުނދަގޫވާ ކަމަށްވެއެވެ. އެކަމަށް އޭދަފުށި މީހުން ދުރާލާ މިހާރު ތައްޔާރުވެއެވެ. އެގޮތުން އޭދަފުށީ މަގުތަކުގައިވެސް މިހާރު ކޮޕީފަތް ހައްދައެވެ.

މަސްކުރޮޅިއާ ކިހަވަކު ސަޓަނިއަކީވެސް ކުރިން އާންމުކޮށް ސުފުރާ މަތިން ފެންނަ އެއްޗެކެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ފެންނަ ބާވަތްތުގެ ތެރޭގައި މިހާރު މި ދެބާވަތް ނުހިމެނެއެވެ.

މަސްކޮރޮޅި އަކީ ވަނުގައި ތަޅާއެއްޗެކެވެ. އާންމުކޮށް ކުރިން މިކަމަށް ބޭނުން ކުރާނީ ހާމަސް (މަހުގެ ބޮލުގެ އިންނަ މަސްކޮޅު ބަނޑާދޫ ލަގޮނޑި އަދި ބިސް)އެވެ. އެއީ އެޒަމާނުގައި ވަރަށް ފަސޭހައިން ލިބޭއެއްޗަކަށް ވެއެވެ. އެއްގެއިން އަނެއްގެއަށް ނެތް އެއްޗެއް ފޯރުކޮށްދިނުމަކީ އޭރުގެ ސަގާފަތަކަށް ވާއިރު، އެއް ގޭގެ އުނދުނުން އަނެއް ގޭގެ އުނދުނަށް ފުޅަފި ހިފައިގެން އަލިފާން ބަލާދިއުމުން މަސްކޮރޮޅި ތަޅާލުމަށް ހާމަސްކޮޅެއް ދުމަށިން ނަގާފައި ދޭނެއެވެ. އެއީ އެޒަމާނެވެ.

ޒަމާން ބަދަލުވާ ވަރަކަށް ދިރިއުޅުމަށާ ސިއްޙީކަންކަކަމަށް ދެ އަހައްމިއްޔަތުގެ ސަބަބުން ރޯދަ ވީއްލާގަޑީގައި ކާއެއްޗެއްސަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން ބައެއް ގެތަކުން ފެންނަނަމުންނެވެ. އެހެންނަމަވެސް އޭދަފުށިން ލޮނުމިރުހު ދިޔައާ ރިހާކުރު ފަތާ ބަތްޕެން ރޯދަމަހުގެ ސުފުރާމަތިން ބޭރުވާން އަދި އެތައް އަހަރެއް ނަގާނެ ކަމަށް އެރަށު މީހުން ބުނެއެވެ.