ޚަބަރު

10 އަހަރަށްފަހު ދިގުރަށުން ގޯތި ދޫކުރަނީ


އދ. ދިގުރަށުން ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިގުރަށު ކައުންސިލުން ހުޅުވާލާފިއެވެ. އާބާދީގައި 700 އެއްހާ މީހުން ދިރިއުޅޭ ދިގުރަށަކީ ލޯކަލް ޓޫރިޒަމް ވިޔަފާރި ކުރަމުން އަންނަ ރަށެއެވެ.

ދިގުރަށުން ދިރިއުޅުމަށްޓަކާ 77 ގޯއްޗެއް ދޫކުރުމަށް ދިގު ރަށު ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިއީ 2000 އަކަފޫޓުގެ ޖާގައިގެ ގޯތިތަކެކެވެ. ގޯއްޗަށް އެދުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް 9 މެއި 2023 ގެ ނިޔަލަށް ކައުންސިލުން ފުރުޞަތު ހުޅުވާލާފައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ، އެ ރަށުން އެންމެ ފަހުން ދިރިއުޅުމަށްޓަކައި ގޯތި ދޫކޮށްފައިވަނީ މީގެ 10 އަހަރު ކުރިން ކަމަށެވެ. އެ ފަހަރު ދޫކޮށްފައިވަނީ 25 ގޯތި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ މީގެ 10 އަހަރު ކުރިން. އެ ފަހަރު ދޫކޮށްފައިވާނީ 25 ގޯތި" އުސްމާން ވިދާޅުވިއެވެ.

އުސްމާން ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްފަދައިން އެރަށުގައިވެސް ބޯހިޔާވަހިކަން ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް އެބަތިބިކަމަށެވެ. އެހެންކަމުން މިފަހަރު ގޯތި ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ އަލަށް ގޯތި ބޭނުންވެފައިތިބި މީހުންނަށްކަމަށް އުސްމާން ވިދާޅުވިއެވެ. ރަށުން ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަށުގެ ދެކުނު ފަރާތުންކަމަށް އުސްމާން ފާހަގަކުރެއްވިއެވެ.

އަމިއްލަ ނަމުގައި ގޯއްޗެއްނެތް ފަރާތްތަކަށް އިސްކަމެއް

• މީލާދީގޮތުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން
• ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުން.
• ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުން.
• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
• ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެން މީހަކަށް ދީ، ދޫކޮށްލައި ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

ދިގުރަށު ކައުންސިލުން ވިދާޅުވީ، ޝަރުތުހަމަވާ ފޯމުތަކުގެ ތެރެއިން ގޯތި ލިބޭނީ ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުގެ ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ 77 ފަރާތައްކަމަށެވެ. އަދި މި 77 ފަރާތް ހޮވުމުގައި އެންމެފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްފަރާތައްވުރެ ގިނަ ފަރާތްތަކުން ޕޮއިންޓް އެއްވަރުވެފައިވާނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންކަމަށެވެ.

ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ދެމަފިރިން ހިމެނޭނަމަ ގޯތި ދޫކުރެވޭނީ އެ ދެ ފަރާތުން ކުރެ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.