ޚަބަރު

ނިމުނު 5އަހަރު، ހުޅުމާލެ ހޮސްޕިޓަލުން އާ އެތައް ޚިދުމަތްތަކާއި ކުރިއެރުމެއް


ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ފަށާފައިވަނީ ހުޅުމާލެއަށް މީހުން ބަދަލުވުމާއެކު 2004 ވަނަ އަހަރުއެވެ. އެންމެ އާއްމު ބަދަލިތަކަށް ފަރުވާދެވޭގޮތަށް އޭރު ތަރައްޤީކުރި ހޮސްޕިޓަލް، 2005 ވަނަ އަހަރު 24 ގަޑިއިރު ޚިދުމަތްދޭ ހޮސްޕިޓަލަކަށް ބަދަލުކުރިއެވެ.

ހޮސްޕިޓަލްގެ ޚިދުމަތަށް މިއަދު 19 އަހަރު ފުރޭއިރު، ފަހަކާ ޖެހެންދެންވެސް ހުޅުމާލެއަށް އިތުރުވަމުންދިޔަ ބޮޑު އާބާދީއަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރަށް ހޮސްޕިޓަލްގެ ޚިދުމަތްތަކަށް މާބޮޑު ކުރިއެރުންތަކެއް އައިތަނެއް ނުފެނެއެވެ.

2016 ވަނަ އަހަރު އެ ހޮސްޕިޓަލްގެ ހިންގުން އާސަންދަ ކުންފުނީގެ ދަށަށްވެސް ބަދަލުކުރިއެވެ. ނަމަވެސް 2020 ވަނަ އަހަރު ފެށުމާއެކު އެ ހޮސްޕިޓަލްގެ ހިންގުން، އާސަންދައިގެ ދަށުން ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. ނަމަވެސް ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ތަރައްޤީކުރުމަށް، މިހާރު އެ ހޮސްޕިޓަލް ހިންގަމުން އަންނަނީ ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ޚާއްސަ ބޯޑެއްގެ ދަށުންނެވެ.

ވޭތުވެދިޔަ 5 އަހަރަކީ ހޮސްޕިޓަލްގެ ޚިދުމަތްތައް އެތައް ގޮތަކުން ފުޅާކުރި އަހަރުތަކެކެވެ. ހޮސްޕިޓަލަށް ޑޮކްޓަރުން އިތުރުކުރުމާއި، ވަސީލަތާއި ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ. ހުޅުމާލެ ހޮސްޕިޓަލަކީ އެކަށީގެންވާ ޚިދުމަތެއް 24 ގަޑިއިރު ލިބޭ ހޮސްޕިޓަލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން 12 ދާއިރާއަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ވަނީ އިތުރުކޮށްފައެވެ. އޭގެތެރޭގައި ގައިނޮކޮލޮޖީ، އީ.އެން.ޓީ، އޮޕްތަލްމޮލޮޖީ، ޑެންޓަލް، އޯރތޮޕީޑިކް، ސާރޖަރީ، އެނެސްތީޝިއާ، އިންޓަރނަލް މެޑިސިން، ޕީޑިއެޓްރިކް، މެންޓަލް ހެލްތް، ރޭޑިއޮލޮޖީ، އަދި އެމަރޖެންސީ ފިޒިޝަން ހިމެނެއެވެ.

އެމް.އާރް.އައިއާއި ސީޓީ ސްކޭން އަދި މެމޮގްރަފީ ސްކޭންގެ ޚިދުމަތް 2019 ވަނަ އަހަރު ވަނީ ފަށާފައެވެ.

އެ ހޮސްޕިޓަލްގައި ޗައިނާގެ ސަރުކާރުގެ އެހީގައި 2020 ވަނަ އަހަރު ވަނީ ލޮލުގެ އެކިއެކު ބަލިތަކަށް ފަރުވާދޭ ސެންޓަރެއްވެސް ޤާއިމުކޮށްފައެވެ. މި ސެންޓަރުގައި ލޮލުގެ ނަންބަރު ނެގުމުގެ އިތުރުން، ލޮލުގެ ޚާއްސަ އެކިއެކި އޮޕަރޭޝަންތައްވެސް ކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުން އިތުރުވުމާއެކު، ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަކީވެސް ޚާއްސަ އިސްކަމެއް ދިން ކަމެކެވެ. އެގޮތުން ޑަޔަލިސިސް ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީޒް، 4 މެޝިނުން 10 މެޝިނަށް ވަނީ އިތުރުކޮށްފައެވެ.

2021 ވަނަ އަހަރު ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ޚިދުމަތް ފުޅާކުރުމަށް އިތުރު 12 ކޮންސަލްޓޭޝަން ކޮޓަރިއާއި، 1 ޕްރޮސީޖަރ ރޫމް ހިމެނޭހެން ސްޕެޝަލިސްޓް އޯ.ޕީ.ޑީގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އަދި 12 ޕްރައިވެޓް ރޫމް ވަނީ ހޮސްޕިޓަލަށް އިތުރުކޮށްފައެވެ.

ނަފްސާނީ އެކިއެކި ބަލިތައް ތަޙައްމަލު ކުރާ ފަރާތްތަކަށް ބޭނުންވާ ތަފާތު ފަރުވާތައް ފޯރުކޮށްދެވޭގޮތަށް އެފަދަ ފަރާތްތަކަށް ބޭނުންވާ ޙާއްސަ ފަރުވާތައް ދިނުމަށް ބޭނުންވާ ސްޕެޝަލިސްޓުންނާއެކު ނަފްސާނީ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވާ ޚިދުމަތް ވަނީ ފަށާފައެވެ. އަދި އުފެދުމުގައި ތަފާތު އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް ބޭނުންވާ ޚާއްސަ ފަރުވާތައް ދެވޭނެފަދަ ސެންޓަރެއް ޤާއިމްކޮށް މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.

މީގެއިތުރުން ޑިސެބިލިޓީ އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކޮށް ފިޒިއޯގެ ޚިދުމަތްތަކާއި، ސްޕީޗް ތެރަޕީގެ އިތުރުން ސޯޝަލް ވޯރކާސްގެ ޚިދުމަތްތައް ވަނީ ފެށާފައެވެ. އަދި މީގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ހުޅުމާލޭ ހޮސްޕިޓަލުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކެއްވެސް ހުޅުވާފައެވެ.

މީގެއިތުރުންވެސް ހޮސްޕިޓަލްގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ހޮސްޕިޓަލްގައި ބްލަޑް ބޭންކް ޤާއިމުކުރުމާއި، އިތުރު އެމްބިއުލާންސް ހޯދުމާއި އަދި ކުޑަކަމުދާ ތަކެތީގެ ތަހުލީލު އޮޓަމޭޓަޑްކޮށް ކުރުންފަދަ ޚިދުމަތްތައް ފުޅާކޮށްފައިވެއެވެ.