ޚަބަރު

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަނީ


ކުޅުދުއްފުށި ސިޓީގައި ޒަމާނީ ފެންވަރުގެ ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

މި ޓިވެޓް ސެންޓަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޓެންޑަރގެ ސުންގަޑިއަކީ އަންނަމަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ކުޅުދުއްފުށީގައި އަޅާ ޓިވެޓް ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. މި މަޝްރޫޢަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ހިންގާ ޕްރޮޖެކްޓެކެވެ.

ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރު ޚާއްސަ ކޮށްފައިވަނީ އިންޖިނިއަރިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި، ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.

މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ކުޅުދުއްފުށީން 35,777.88 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ދިގު މުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޓިވެޓް ސެންޓަރުގެ ސްކޯޕްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެކަމަށެވެ. މީގެއިތުރުން މި ބިމުގައި އިތުރު ވިޔަފާރީތައް ތަރައްޤީކުރުމުގެ ފުރުޞަތުވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އިންސްޓިޓިއުޓުގައި އިންޖިނިއަރިންގ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ވޯކްޝޮޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޯސް ހިންގުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕާއި، ކިޔަވައިދޭ ކްލާސް ރޫމާއި، އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްސަ ސަރަޙައްދަކާއި، ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްސަ ސަރަޙައްދެއްގެ އިތުރުން އޮޑިޓޯރިއަމަކާއި، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި، ލައިބްރަރީ ވެސް ހުންނާނެއެވެ.

މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ.