ޚަބަރު

މާފަރު އެއަރޕޯޓްގެ ދެވަނަ ފިޔަވަހި ނިމެންވާއިރަށް އެރަށް ފަތުރުވެރިކަމަށް ފައްކާކުރަނީ


ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން މާފަރު ފަތުރުވެރިކަމުގައި ކުރިއަރައިދާނެ ރަށަކަށް ހެދުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފިއެވެ. އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ މާލީ އެހީގެ ދަށުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ.

އިންޓަރނޭޝަނަލް އެއަރޕޯޓެއް ނަމަވެސް އެތަނަށް އާންމުކޮށް ޖައްސަނީ ޕްރައިވެޓް ޖެޓްތަކާ ޑޮމެސްޓިކް ފްލައިޓްތަކެވެ. އެއީ އެއަތޮޅުގައި އޮންނަ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ގޮވައިގެންނެވެ. މިހާތަނަށް މާފަރު އެއަރޕޯޓުން ބޭރުގެ އުދުހުންތައް ނުފަށާވަނީ އެއަރޕޯޓްގެ ރަންވޭ ކުޑަވުމުންނެވެ. މި ސަބަބަބާހުރެ އެއަރޕޯޓެއް އޮތުމުންވާ ފައިދާ އެންމެ އެދެވޭގޮތެއްގައި މާފަރު ރައްޔިތުންނަކަށް ނުކުރެއެވެ.

މި އެއަރޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭއަކީ 2200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް އިތުރުކުރެވޭ 650 މީޓަރާއެކު ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުވާނެއެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ ބޮއިންގ 777 މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.

ރާއްޖެއިން ބޭރުގެ އުދުހުންތައް ސީދާ މާފަރު އެއަޕޯޓަށް ޖައްސަން ފެށުމުން އެރަށުގެ އިޤްތިޞާދު މިހާރަށްވުރެ ކުރިއަރައިދާނެކަމަށް އެރަށު ކައުންސިލުން ދެކެއެވެ. މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވީ، އެރަޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރު މިނެއްގައި ކުރިއަށްދާކަމަށާ، އެ މަސައްކަތް ނިމި ޚިދުމަތް ދޭން ފަށަންވާއިރަށް އެރަށް ފަތުރުވެރިކަމުގެ ވިޔަފާރިއަށް ފައްކާކުރަމުންދާކަމަށެވެ.

"މާފަރުގެ ލޭންޑް ޔޫސް ޕްލޭންގައި ޓުއަރިޒަމަށް އެއް ހެކްޓަރުގެ ސަރަޙައްދެއް ވަނީ ކަނޑައަޅާފަ، މިހާރު ކުރަމުންދަނީ މިބިން ދޫކުރުމަށް ބޭނުންވާނެ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް އަދި މިއަހަރު ތެރޭގައި އެބިމުން މަންފާ ލިބޭތޯ" މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވިއެވެ.

ސީދާ ގޮތެއްގައި އެއަރޕޯޓްގެ ފައިދާ ކައުންސިލަށް ނުކުރިނަމަވެސް އޭގެ ފައިދާ ނެރެވޭނެ މަގުތައް ރައްޔިތުންނަށް ހޯދައިދިނުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތާ ގުޅޭގޮތުން އަދުނާނު ވިދާޅުވީ، ފަތުރުވެރިކަމަށް ބިން ދޫކުރާއިރު ބަލާނީ ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ ފައިދާ ކުރާނެގޮތް ބަލައިގެން ބިންތައް ދޫކުރަންކަމަށެވެ.

މާފަރު އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭ ބޮޑުކޮށް ޓާރމިނަލުގެ ޖާގަ ބޮޑުކުރުމަށް ދެފަންގިފިލާއަކަށް ޓާމިނަލް ހެދުން ހިމެނެއެވެ. މީގެ އިތުރުން އެއީ ގިނަ ޢަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސާ އެއަރޕޯޓަކަށް ވުމުން އެތަނުގައި ވީ.އައި.ޕީ ޚިދުމަތް ދެވޭވަރުގެ ލައުންޗްތައް ނެތުމުން އެކަމަށް ހައްލު ގެނައުމަކީވެސް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބޭނުމެކެވެ.

މާފަރު އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ އެހީގައި ތަރައްޤީކުރި އެއަރޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ. މިއެއަރޕޯޓްގެ ދެވަނަ ފިޔަވަޙީގެ މަސައްކަތް ނިމި ޚިދުމަތް ދޭންފަށައި ވަކިން ޚާއްސަކޮން ބޭރުގެ އުދުހުންތައް ޖައްސަން ފެށުމުން އެސަރަހައްދުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވެ މުޅި ނ.އަތޮޅު އިގްތިސާދީގޮތުން ކުރިއަރައިދާނެކަމަށް ގަބޫލުކުރެވެއެވެ.