ޚަބަރު

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޖުލައިމަހު ބޭނުންކުރަން ފަށަނީ


މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ނިމިގެންދިޔުމާއެކު މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާ، ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ތޮށްޖެހިފައިވާ މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލައެވެ. ކުނި މެނޭޖްކުރުމަށްވެސް ގިނަ ދަތިތަކެއް ކުރިމަތިވަމުންދަނީ އެމަސައްކަތް ކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން މިކަމަށް ޙައްލެއް ގެނައުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ތަރައްޤީކުރާ ވޭސްޓް ޓްރަންސްފަރ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއާއެކު ގްރޭޓަރ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ.

ސަބަބަކީ މިފަހަރު ތަރައްޤީކުރާ ފެސިލިޓީގައި ކަމާއި ގުޅުންހުރި އިދާރާތަކުގެ އޮފީސްތައް ޤާއިމުކޮށް މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށްދާއިރު ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނީޓަރކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމިގެން މިއަހަރުގެ ޖުލައިމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ފެސިލިޓީއަކީ ތިލަފުށީގައި ޤާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ސެންޓަރުގެ އެއްބައި. މިތަން އެއްކޮށް ނިމިގެން އަދި މިތަނުގައި ކުނި ނެގުމަށް ޤާއިމުކޮށްދެވޭ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ޕިކަޕާއި އެހެނިހެން ވެހިކަލްތަކާއެކު މިތަން ފުރިހަމަވެގެންދާނީ. އެއާއެއްކޮށް މިތަނުގައި އެބަ ހިމެނޭ ވެމްކޯގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރާނެ އެޑްމިން ޢިމާރާތަކާއި، އެންވަޔަރަމަންޓްގެ ވޭސްޓް ޑިޕާޓްމަންޓާއި އީޕީއޭގެ އޮފީސްވެސް މިޢިމާރާތުގައިވަނީ މިހާރު ޤާއިމުކުރެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއިން ކުނި ތިލަފުއްޓަށް ގެންދާނީ ކޮންޓެއިނަރުތަކުގައި މޫދަށް ކުނި ނޭޅޭނެ ގޮތަށްކަމަށް އެންވަޔަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ބާޖުތަކަށް ކުނި އުކާލުމުގެ ބަދަލުގައި ވެއި ބްރިޖަކުން ކުނި ކިރާލުމަށްފަހު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޑެކުން ސީދާ ކޮންޓެއިނަރުތަކަށް ކުނި އެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. މިގޮތުން ކުނި ވަކިކޮށްގެން އުކާނީ މިފަދަ 5 ވޭސްޓް ޓިޕިންގ ބޭ ޤާއިމުކޮށްފައިވާކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ އަލަށް ޤާއިމުކުރެވޭ ސެންޓަރާއެކު އެންމެ ބޮޑު ބަދަލެއް ފެންނާނީ ވެމްކޯއިން ކުނި އުފުލުގެ ނިޒާމަށްކަމަށެވެ.

"މިހާރު ހަމަ ހުރިހާ ކުންޏެއް ވެސަލްއެއްގައި މިގެންދަނީ. މިގޮތަށް ކުނި ގެންދިޔުމުގައި ކުނި ބޭރަށް އެޅުމުގެ ޝަކުވާވެސް އާދޭ. މިމަސައްކަތް ނިމިގެންދާއިރު މިކަން އެއްކޮށް ޙައްލުވެގެންދާނެ." ސިރާޖު ވިދާޅުވިއެވެ.

މިމަޝްރޫޢަކީ ޒޯން 3 ގެ ކުނި މެނޭޖްކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން 184 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޒަމާނީ ގޮތަކަށް ތަރައްޤީކުރާ މި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތާއެކު މުވައްޒަފުންގެ ޖާގައާއި، ވެހިކަލްތަކުގެ މެއިންޓަނަންސްއަށް ޚާއްސަ ސަރަޙައްދަކާއި، ކަސްޓަމަރ ސަރވިސްއަށް ޚާއްސަ ފްރަންޓް އޮފީސް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.