ޚަބަރު

ރަށްވެއްސަކަށް ނުވާނަމަ ޕޮއިންޓު އުނިކޮށް، މާފުށިން ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލައިފި


ކ. މާފުށީގައި ހިއްކާފައިވާ ސަރަޙައްދުން ގޯތި ދޭއިރު މާފުށީ ރަށްވެއްސަކަށް ނުވާނަމަ އެމީހަކަށް ލިބޭ ޕޮއިންޓު އުނިކުރަން ނިންމައި އަލުން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯއްޗެވެ.

މާފުށި ހިއްކި ބިމުން ގޯއްޗަށް އެދުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު އާންމު ކޮށްފައިވާ އުޞޫލަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިޢުލާން ކައުންސިލުން މިހާރު ވަނީ ބާތިލު ކޮށްފައެވެ. އަދި މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުޞޫލަށް ގެނައި އިސްލާހާއެކު ގޯއްޗަށް އެދުމުގެ ފުރުޞަތު އަލުން ވަނީ ހުޅުވާލާފައެވެ.

އާ އުޞޫލަށް ވަނީ ދެ އިސްލާހެއް ގެނެސްފައެވެ. އެއީ އުމުރުން 40 އަހަރު ފުރިފައިވުން ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް 20 ޕޮއިންޓު ދިނުމާ، މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިކުރުމުވެ. އެ އިސްލާހާއެކު މާފުއްޓަށް ނިސްބަތް ނުވާ މީހުންނަށް ގޯތި ލިބުމުގެ ފުރުޞަތު ހަނިވެގެން ދާނެއެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން ހިމެނެއެވެ. އަދި ސަރުކާރުން ހަދާފައިވާ ޢިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި، މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާފުށި ކައުންސިލްގެ އިދާރާއިން، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް އެ ފޯމް ލިބެން ހުންނާނެއެވެ.

މާފުށި ކައުންސިލުން ވިދާޅުވީ، ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް 2021 އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. އަލަށް ހިއްކި ސަރަޙައްދާއި މާފުށި ގުޅާލާނީ ކޯޒްވޭއަކުންނެވެ. މި ކޯޒްވޭ ހެދުމަށްޓަކައި މިހާރު އީއައިއޭގެ މަސައްކަތްތައްވެސް ވަނީ ނިންމާލާފައެވެ. ކޯޒްވޭގެ މަސައްކަތްވެސް ސަރުކާރުން ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ.