ޚަބަރު

ތޮއްޑޫ "ސްމާޓް އައިލެންޑް"އަކަށް ހެދުމަށް އަރބަންކޯއިން އެހީވަނީ


އއ.ތޮއްޑޫ، ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް އަރބަންކޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ތޮއްޑޫ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޮޕަން އެކްސެސް ނެޓްވޯކެއް ޤާއިމުކުރުމުގައި އެހީތެރިވުމަށްވަނީ ނިންމާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަޙައްދާއި، ފެރީ ޓަރމިނަލް ސަރަޙައްދާއި، ކަރގޯ ވެއަރހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަދި ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.


މިމަޝްރޫޢަކީ އަރބަންކޯގެ، "ގޯ ބިޔޯންޑް ހުޅުމާލޭ"ގެ ދަށުން ރަށްރަށާއި ސިޓީތައް، ސްމާޓްކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.

އަރބަންކޯއިން ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތަޢާރަފް ކުރުމުގެ ބޭނުމަކީ ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެކަން ސާބިތުކޮށްދިނުން ކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ.

މިކަމަށް ޚާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް އާރބަންކޯއިން އަންނަނީ ތަޢާރަފު ކުރަމުންނެވެ. މި ކަންކަމުގައި އަރބަންކޯގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތަޢާރަފުކޮށް ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތަޢާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަކޮށްދިނުންކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.