ޚަބަރު

މީމު މަސް ބަނދަރު: މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް އާމްދަނީ އިތުރުކޮށްދޭނެ މަގެއް


ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް، މަސްވެރިކަމުގެ ވަޞީލަތްތައް އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަކިން ޚާއްސަކޮށް ސަރުކާރުގެ މަސްވެރިކަމުގެ މައި ކުންފުނި މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް އަޕްގްރޭޑްކުރުމަށް މިވަގުތުވެސް މުހިއްމު މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން ހިންގާ އެއް މަޝްރޫޢަކީ މ. މުލަކުގައި ތަރައްޤީކުރާ މަސް ބަނދަރުގެ މަސައްކަތެވެ.

މުލަކުގައި ތަރައްޤީކުރާ މިފްކޯ މަސް ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 11 ފެބްރުއަރީ 2021 ވަނަ އަހަރެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ހަމައެހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް ނުނިމި ލަސްވިނަމަވެސް މިހާރު މަސްބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން މިކަމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ފުންކުރުން ހިމެނެއެވެ. މީމު މަސް ބަނދަރަކީ 160 މީޓަރުގެ ބަނދަރެކެވެ. މި ބަނދަރު ތަރައްޤީކުރަމުން ދަނީ ރަށުގެ އުތުރު ފަރާތުގައެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީއިން ވިދާޅުވީ، ބަނދަރަށް ބޭނުންވާ ޝީޓް ޕައިލް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ 18 އިންސައްތަ ނިމިފައިވާކަމަށާއި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 22 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

1700 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މުލަކު ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމެވެ. އެރަށުގައި މިވަގުތުވެސް މަހަށްދާ ބޮޑު 5 ދޯންޏެއް ހަރަކާތްތެރިވަމުންދެއެވެ. އަދި އިތުރު 3 ދޯންޏެއް ބަނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މުލަކުގައި މަސްބަނދަރު ތަރައްޤީކުރުމަކީ އެރަށުގެ މަސްވެރިންގެ އިތުރަށް މ. އަތޮޅުގެ މަސްވެރިންގެވެސް އުއްމީދާ ގުޅިފައިވާ މަޝްރޫޢުއެކެވެ. ސަބަބަކީ މ.އަތޮޅަކީ މެދުރާއްޖެތެރޭގެ ރަށްތަކުގެ ތެރެއިން މަސްވެރިކަން ރަނގަޅު އެއް ސަރަޙައްދެވެ. އެހެންނަމަވެސް މަސްކިރުވޭނެ ވަސީލަތްތައް މަދުވުމާއި، އެކަށީގެންވާ ރަނގަޅު ޚިދުމަތް ނުލިބުމަކީ އެ ސަރަޙައްދުގެ މަސްވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

މީމު މަސް ބަނދަރާއެކު މުޅި އަތޮޅުގެ މަސްވެރިކަމަށް ކުރިއެރުން ލިބި، އާމްދަނީ އެތަށް ގޮތަކުން އިތުރުވާނެކަމަށް މުލަކު ކައުންސިލުން ވިދާޅުވެއެވެ. އަދި މި ބަނދަރުގެ ސަބަބުން އެ ސަރަޙައްދުގެ މަސްދޯނިތަކުން ކުރާ ހޭދަ ކުޑާވާނެކަމަށާއި، އާމްދަނީ އިތުރުވެ އައު ވަޒީފާތައްވެސް އުފެދިގެންދާނެކަން ކައުންސިލުން ފާހަގަކުރައްވައެވެ.

މި މަޝްރޫޢުގެ ދަށުން، 22,240 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 8,640 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އަދި 160 މީޓަރުގެ ސައަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3,200 އަކަ މީޓަރުގެ ޕޭވްމެންޓް އެޅުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މި މަސް ބަނދަރަކީ ސަރުކާރުން 52.95 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ތަނެކެވެ.