ޚަބަރު

މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ


ކ. މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވެއްޖެއެވެ.

މާފުށި ނަރުދަމާ ނިޒާމް އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހު ވިދާޅުވީ، ހޮނިހިރު ދުވަހު މާފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމާއި ގުޅޭގޮތުން އެ ރަށުގެ އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިން ބައެއް ކަންކަން ހިއްސާކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެ ރަށުގެ އާބާދީ ބޮޑުވެ، ގެތައް ބުރިބުރިއަށް އަޅަމުންދާ ވަރަކަށް ރަށުގައި ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއްގެ ބޭނުން ބޮޑުވެފައިވާކަމަށް ރަށުގެ ރައްޔިތުންވެސް ފާހަގަކުރާކަމަށް ޝާހު ވިދާޅުވިއެވެ. އަދި ގޭބިސީތަކާއި ގެސްޓްހައުސްތައް ގިނަވުމުން ނަރުދަމާ ނިޒާމަށް ބާރު ބޮޑުވެފައިވާކަމަށާއި، އެ ނިޒާމަކީ ދުވަސްވީ ނިޒާމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

"އެ ނިޒާމުގައި ބޭނުންކޮށްފައި ހުންނަނީ ހަތަރު އިންޗި ހޮޅި ކަމަށާއި އެކަމުގެ ސަބަބުން އެ ނިޒާމް ބެލެހެއްޓުމަށް ގޮންޖެހުމެއް. މާފުށްޓަށް ރަނގަޅު ނަރުދަމާ ނިޒާމެއް ބޭނުންވޭ. އެ ރަށުގައި ރަނގަޅު ނަރުދަމާގެ ނިޒާމެއް ނެތުމަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް" ޝާހް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، މާފުށީގެ ނަރުދަމާގެ މައްސަލައަކީ ސަރުކާރާއި އެމް.ޑަބްލިއު.އެސް.ސީގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަަމަށާއި އެކަން ހައްލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން މާފުށީގެ ނަރުދަމާގެ މައްސަލަ ހައްލުކުރަން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން މާފުށީގައި ޖަލުގައި ވަކިން ނަޖިސް ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ސަރަޙައްދުގެ ނަރުދަމާއަށ ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ. މާފުށީގެ ނަރުދަމާގެ މަސައްކަތް ކުރާނީ އެކަމަށ ވެސް ސަމާލުކަން ދީގެން ކަމަށް ޝާހު ވިދާޅުވިއެވެ.

މާފުށީގައި އެންމެ ފުރަތަމަ ނަރުދަމާ ނިޒާމް ޤާއިމްކޮށްފައިވަނީ 2007 ވަނަ އަހަރުގައެވެ. އަނެއްކޮޅުން މިހާރު އެރަށުގައި ހިއްކާފައިވާ ބިމުން ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެތަނަށްވެސް ނަރުދަމާ ބޭނުންވާނެއެވެ.