ޚަބަރު

މަނަދޫ ސިޓީ ހޮޓާ ފެށުމަށް ތައްޔާރުވަނީ، އިތުރު ވަޒީފާގެ ފުރުޞަތުތަކެއް


މަނަދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 30 ޑިސެމްބަރު 2021 ގައެވެ. މި މަޝްރޫޢުގެ ދަށުން 132،000 އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ މަދުވެގެން 50 އެނދާއެކުގައެވެ. އަހަރެއް ވެގެންދިޔައިރުވެސް މި މަސައްކަތް ނުފެށި ލަސްވެފައިވަނީ ބިމުގެ މައްސަލަ ކޮޅެއްގައި ނުޖެހިގެންނެވެ. ނަމަވެސް މިހާރު ވަނީ ބިމުގެ މައްސަލަ ހައްލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. ސިޓީ ހޮޓާ ޤާއިމުކުރުމަށް ނިންމާފައިވަނީ މަނަދޫގައި މީހުން ދިރިއުޅޭ ސަރަޙައްދާ ވަކިންނެވެ.

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަނަދޫގައި 50 ކޮޓަރީގެ ހޮޓަލެއް ހަދަން ސްޓޯން ހޮޓެލްސްއާ ޓޫރިޒަމް މިނިސްޓްރީން ހަވާލުކުރުމުން އެ މަސައްކަތަށް އެ ކުންފުނިން ވަނީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި 412،963 ޑޮލަރު ވެސް ދައްކައިފައެވެ. ނަމަވެސް، ބިން ހަވާލު ނުކުރާތީ އަދި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ މަސައްކަތުގައި ކައުންސިލާއެކު މުއާމަލާތް ކުރަން ޖެހުން ފަދަ ގޮންޖެހުންތަކާ ހެދި އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަސައްކަތެއް ނުފެށެއެވެ.

އެހެންނަމަވެސް މިހާރުވަނީ ސިޓީ ހޮޓާ ހަދަން މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ބާރުތައް އެ ރަށު ކައުންސިލަށް ބަދަލުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއާއެކު ރަށު ކައުންސިލުން މިހާރު ތައްޔާރުވަމުން އަންނަނީ ހޮޓާއެޅުމަށް ބިން ކުއްޔަށް ދޫކުރުމަށް ތައްޔާރުވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލުގެ ރައީސް ޢަބްދުލް ރަޙްމާން ސަބީޙު ވިދާޅުވީ، މިއީ 2010 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ރައްޔިތުން ދެކެމުންދިޔަ ރަށުގެ ތަރައްޤީއާ ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަމަށެވެ. ރާއްޖޭގައި އޮތް ރިސޯޓްތަކުގެ ތެރެއިން ނ. އަތޮޅުގައި އަގުބޮޑެތި ރިސޯތްތަކެއް އޮތްކަން ފާހަގަކުރައްވާ ޞަބީހު ވިދާޅުވީ، އެ ރިސޯޓްތަކުންވެސް އަތޮޅުގެ ރަށްތަކަށް ލިބެންވާ ފައިދާތަކެއް ނުލިބޭކަމަށެވެ. އެހެންކަމުން ރަށުގެ ރަށްޔިތުންނަށް ސިޓީ ހޮޓަލުގެ މަޝްރޫޢުއަކީ ވަރަށް މުހިއްމު މަޝްރޫޢުއެއްކަމަށާއި މިއާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެކަމަށެވެ.

"ބިމުކުލިވެސް މި ލިބެނީ ކައުންސިލަށް. މިއާއެކު ރަށު ލެވަލްގައި މަސައްކަތްތައް ކުރުމަށްޓަކައި އިތުރު ހިތްވަރެއް ލިބިގެންއެބަދޭ" މަނަދޫ ކައުންސިލުގެ ރައީސް ޢަބްދުލް ރަޙްމާން ސަބީޙު ވިދާޅުވިއެވެ.

މަނަދޫ ސިޓީ ހޮޓަލުގެ އެއްބަސްވުމުގައި ސޮއިކުރާތާ 30 މަސް ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން ނިންމައި، އޮޕަރޭޝަނަށް ގެންނަން ޖެހެއެވެ. ސްޓޯން ހޮޓެލްއަށް އެ ބިން ހަވާލުކުރީ 50 އަހަރު ދުވަހަށް، އަކަ ފޫޓަކަށް ހަތަރު ޑޮލަރުގެ މަގުންނެވެ. ކުލި ހިނގަން ފަށާނީ އޮޕަރޭޝަނަށް ގެނެވުމުންނެވެ.

މަނަދޫއަކީ ނ. އަތޮޅުގެ ނިސްބަތުން ބިން ބޮޑު ރަށެކެވެ. 119 ހެކްޓަރުގެ މިރަށުގައި ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ތައްޔާރުވަމުންދާކަމަށް މަނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ފަތުރުވެރިކަމަށް އިތުރު ބިންތައް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ސަބާޙު ވިދާޅުވީ، މަނަދޫއަކީ ފަތުރުވެރިކަން ކުރިއެރުވިދާނެ، އަދި އެކަމަށް ފުރުޞަތު އޮތް ރަށެއްކަމަށެވެ. މަނަދޫގައި މި ވަގުތު ރަޖިސްޓްރީކޮށްގެން 3 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ.