ޚަބަރު

އަންނަ އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަކީ އަމާޒެއް: ޖެނިފާ


އަންނަ އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަކީ އަމާޒެއްކަމަށް މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ. ޖެނީފާ މިހެން ވިދާޅުވީ، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ އައުމާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ އައުމާއި ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ ވިދާޅުވީ، އަމާޒަކީ ކުރިއަތް އޮތް އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުން ކަމަށެއެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަށް މިހާރު ގެނެފައިވާ 3 ބޯޓާއެކު ޖުމްލަ 8 ބޯޓް ބޭނުންވާނެކަމަށް ޖެނީފާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ކުންފުނިން ނިންމާފައިވަނީ ބޯޑް ޑިރެކްޓަރުންގެ އިރުޝާދާއެކު ޑޭޝް މަރުކާގެ ބޯޓު ނުގެންނަން. އޭގެ ސްޕެއާރ ޕާޓްތައްވެސް ލިބުން ވަރަށް ދަތި. ދެން އަޅުގަނޑުމެންގެ ޑޭސް 8 ގެ ހުރިހާ އެއަރކްރާފްޓެއް ފޭސް އައުޓް ކުރުމުގެ ޕްލޭން މިހާރު ކުރިއަށް މިދަނީ. އެގޮތުން ކުރިއަށް އޮތްތާ މި އަހަރާއި 2024 ވަނަ އަހަރު ތެރޭގައި އެއްކޮށް އަޅުގަނޑުމެންގެ ބޯޓުތައް އައު ކުރުމަކީ އަމާޒެއް" ޖެނީފާ ވިދާޅުވިއެވެ.

ޖެނީފާ ވިދާޅުވީ، މީ އައިލެންޑް އޭވިއޭޝަންގެ ހަޔާތުގައިވެސް މި ވަގުތު ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށެވެ. އަދި މީ މިއަހަރު ތެރޭގައި ގަތް ބްރޭންޑް ނިއު 3 ވަނަ އެއަރކްރާފްޓް ކަމަށެއެވެ. ކުންފުނީގައި ހުރީ 20 އަހަރަށް ވުރެއް ގިނަ ދުވަހު ބޭނުންކޮށްފައި ހުރި ބޯޓްތަކަކަށް ވުމުން ބޯޓްތަކުގެ މެއިންޓަނަންސް ފީއަށް ފުދޭވަރަކަށް ބޮޑު ޚަރަދެއް ދާކަމަށެއެވެ. އެގޮތުން މި އޭޓީއާރުގެ ސަބަބުން މެއިންޓަނަންސް ކުރަން ޖެނުނު ޚަރަދު ވަރަށް ކުޑަވެގެން ދާނެކަމަށް ޖެނީފާ ފާހަގަކުރެއްވިއެވެ.

ފްރާންސުން ފުރައިގެން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި މި ބޯޓަކީ އޭޓީއާރު 42 މަރުކާގެ ބޯޓެކެވެ. މި ބޯޓަކީ 46 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު ޤައުމީ އެއަރލައިންގެ ފްލީޓް 14 ބޯޓަށް މިހާރު ވަނީ އިތުރުވެފައެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން އޭޓީއާރުގެ 3 ބޯޓު ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ބޯޓުތައް ގެނައުމަށް މޯލްޑިވިއަނުން ނިންމީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށެވެ.

މޯލްޑިވިއަނުން ގެންނެސްފައިވަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ. މީގެތެރެއިން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ވަނީ ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ޖަނަވަރީމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ ޖަނަވަރީމަހުގެ 22 ވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން މިހާރު ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 23 އަށްވުރެ ގިނަ ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓުތަކާއި، ސީޕްލޭން ބޯޓުތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކެވެ.