ޚަބަރު

މާލެ ސަރަޙައްދަށް ޖަމާވަމުންދިޔަ އާބާދީ ހިފެހެއްޓުނު އަހަރެއް


ރާއްޖެގެ އާބާދީ އަހަރުން އަހަރަށް އިތުރުވަމުން އަންކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިއާބާދީގެ ބޮޑުބައެއް، މާލެ ސަރަޙައްދަށް ޖަމާވުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ. ކުރީގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވާގޮތުން އެނޫންގޮތެއް ރައްޔިތުންނަށް ނެތްކަމަށް ޤަބޫލުކުރާ މީހުން މަދެއް ނޫނެވެ. މަޖުބޫރީ ޙާލަތުގައި މާލެ ސަރަޙައްދަށް ޖަމާވަމުންދިޔަ އާބާދީއާއެކު އިޖުތިމާޢީ އަދި އިޤްތިޞާދީވެސް ބޮޑެތި މައްސަލަތަކެއް ދިޔައީ ނިކުންނަމުންނެވެ.

ދެހާހުގެ އަހަރުތަކުގައާއި އޭގެކުރިންވެސް، މާލެ ސަރަޙައްދަށް ގިނަ ބަޔަކު ޖަމާވާ މައިގަނޑު ދެ ސަބަބަކީ އެކަށީގެންވާ މިންވަރާއި ގާތަށްވެސް، ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ފުރުޞަތު އަތޮޅުތަކުގެ ރަށްރަށުން ލިބެން ނެތުމެވެ. އޭގެފަހުން ރަށުގައި ހުރެގެން އަދާކުރެވޭފަދަ ވަޒީފާތައް ރަށުގައި ސްކޫލް ނިންމާ އާބާދީއާއި އެއްވަރަށް ނެތުމެވެ. މިއީ ރަށްރަށުން ފުރަފުރައިގެން މާލެއަށް މީހުން ބަދަލުވި ބައެއް ސަބަބުތަކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2000 ވަނަ އަހަރު، ރާއްޖޭގެ އާބާދީގެ 27 އިންސައްތަ ދިރިއުޅެމުން އައީ ވެރިރަށް މާލޭގައެވެ. އޭގެ 6 އަހަރުފަހުން 2006 ވަނަ އަހަރު މިނިސްބަތް 35 އިންސައްތައަށްވަނީ އިތުރުވެފައެވެ. އަދި އޭގެ 8 އަހަރު ފަހުން އަނެއްކާވެސް އިތުރުވުމަކާއެކު 2014 ވަނަ އަހަރު މިއިންސައްތަ ވަނީ 39 އަކަށް އިތުރުވެފައެވެ.

އެހެންނަމަވެސް އަހަރުން އަހަރަށް އިތުރުވަމުންދިޔަ މިނިސްބަތް ހިފެހެއްޓުނުތަން މިދިޔަ 2022 ވަނަ އަހަރު އެއްކުރި މަޢުލޫމާތުތަކުންވަނީ ހާމަވެފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ 2022 ވަނަ އަހަރު މާލޭގައި ދިރިއުޅެނީ ރާއްޖޭގެ އާބާދީގެ 41 އިންސައްތައެވެ.

މި ބަދަލަކީ އެއް ސަރަޙައްދަކަށް އެންމެން ޖަމާވަމުންދިޔަ ދިޔުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާއެކު އަންނަ ބަދަލެއްކަމަށްވުމަކީ އެކަށީގެންވާކަމެކެވެ. އަތޮޅުތެރޭގެ އާބާދީ އެއަތޮޅެއްގައި ހިފެހެއްޓުމަކީ އިޤްތިޞާދީގޮތުން މުޅި ރާއްޖެ ތަރައްޤީވުމުގައި މުހިއްމުކަމެކެވެ.

ފަހުގެ ތާރީޚަށް ބަލާއިރު މިވޭތުވެދިޔަ އަހަރުތަކުގައި ޞިއްޙީގޮތުން ބޮޑެތި ކާމިޔާބީތައް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުން އަންނަނީ ހޯދަމުންނެވެ. ހަމައެއާއެކު އަތޮޅުތެރޭގެ ސްކޫލްތަކުން އަންނަނީ މާލޭގެ ސްކޫލްތަކާއި ވާދަކޮށް މުޅި ދުނިޔޭގެ ފެންވަރުގައި ވަނަތައް ޙާސިލުކުރަމުންނެވެ. ވަޒީފާތައް ހުރީ ހަމައެކަނި މާލޭގައި ކަމަށް ދެކެމުން އައި އައުން ފަނޑުވެ، ކުދި ވިޔަފާރިތަކާއެކު، އަމިއްލަ ވަޒީފާތައް އުފައްދާ އަތޮޅުތަކުގެ ރަށްރަށުގެ ޒުވާނުން އަންނަނީ ކުރިއަރަމުންނެވެ.

މިބަދަލުތަކާއެކު ބޯހިމެނުމުން ފެނިގެންދިޔައީ މިދިޔަ އަހަރު ރާއްޖޭގެ އާބާދީގެ 2 އިންސައްތަ މާލެއަށް ހިޖުރަކުރިތަނެވެ. ދަތުރުފަތުރުގެ ޤައުމީ ނިޒާމުން މުޅި ރާއްޖެ ގުޅާލެވުމާއެކު މިނިސްބަތް މިހާރު ހުރިވަރަށްވުރެ ބޮޑަށް މަޑުޖެހި، އަތޮޅުތެރޭގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. މިއީ ދިވެހިންގެ އެތައް ބައެއްގެ ޒަމާންވީ ބޮޑު ކަންބޮޑުވުމަކަށް އަންނަ ނިމުމެކެވެ.