ޚަބަރު

ކާރިޘާތަކުން ރައްކާތެރިވާން ދުރާލާ އިންޒާރު ދޭ ނިޒާމު ޤާއިމުކުރުމަށް އެހީދޭ ޤައުމުގެ ތެރޭގައި ރާއްޖެ


ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުމާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ "އާރލީ ވޯނިން ފޯރ އޯލް" އެކްޝަން ޕްލޭނުގެ އެހީ ފޯރުކޮށްދޭ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ފޮރިން މިނިސްޓްރީ ވިދާޅުވީ، މި އެކްޝަން ޕްލޭނުގެ ދަށުން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ހިމެނޭހެން، ކާރިޘާތަކުން ބޮޑެތި ގެއްލުން ލިބުމުގެ ފުރުޞަތު އެންމެ ބޮޑު 30 ޤައުމަށްކަމަށެވެ. މިގޮތުން ރާއްޖެ ހިމެނެނީ މޫސުމީ ކާރިޘާތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވާ އަދި އެކަމުގެ ނުރައްކާވެސް އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައެވެ.

އ.ދ. އިން އެކުލަވާލާފައިވާ މި އެކްޝަން ޕްލޭނުގެ ދަށުން ކާރިޘާތަކުން ރައްކާތެރިވުމަށް ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެކި ބައިވެރިން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ކާރިޘާތަކުން ރައްކާތެރިވުމުގައި ޤައުމުތަކުގެ މެދުގައި ހުރި ފަރަޤުތައް ދެނެގަތުމާއި، ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކާރިޘާތަކާ ގުޅޭގޮތުން ބޭނުންކުރާނެ ވަޞީލަތްތައް ހުރި ނެތް މިންވަރު ދެނެގަތުމާއި، ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްޝަން ޕްލޭނަކީ އ.ދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޒްގެ އިސްނެންގެވުމުގެ ދަށުން 2027 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ކޮންމެ މީހަކީވެސް ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތަކުން ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

މި އެކްޝަން ޕްލޭން އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި އ.ދގެ "ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ 27 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27) ގައެވެ. މި އެކްޝަން ޕްލޭން ތަންފީޒުކުރެވެމުންދާ މިންވަރު ބެލަމުންދާނީ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ) އާއި ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭ އ.ދގެ އޮފީސް، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫ.އެން.ޑީ.އާރް.އާރް) އިންނެވެ.

އ.ދ. އިން މިފަދަ އެކްޝަން ޕްލޭނެއް އެކުލަވާލާފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާރިޘާތައް ކުރިމަތިވާ މިންވަރާއި ލިބޭ ގެއްލުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ފާއިތުވި 50 އަހަރު ތެރޭގައި ރިކޯޑު ކުރެވިފައިވާ ކާރިޘާތަކުގެ ނިސްބަތް 5 ގުނަ އިތުރުވެފައިވާކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ފާހަގަކުރައްވައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިޘާތައް މަދުކުރުމަށް އެދެވޭ ގޮތެއްގައި ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، 2030 ވަނަ އަހަރު އަންނަންވާއިރަށް އަހަރެއްގެ މައްޗަށް 560 ކާރިޘާ، ނުވަތަ ދުވާލެއްގެ މައްޗަށް 1.5 ކާރިޘާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވުމުގެ ފުރުޞަތު އޮތް ކަމަށް އެޖަމިއްޔާއިން ފާހަގަކުރައްވައެވެ. ކާރިޘާއެއް ހިނގުމުގެ 24 ގަޑިއިރު ކުރިން އެކަމުގެ އިންޒާރު ލިބިއްޖެނަމަ، އެކާރިޘާއަކުން ލިބޭ ގެއްލުން 30 އިންސައްތަ ކުޑަކުރެވޭ ކަމަށް ވެސް ޑަބްލިއު.އެމް.އޯ އިން ފާހަގަކުރައްވައެވެ.