ޚަބަރު

ޓްރާންޝިޕްމަންޓް ބަނދަރު ހެދެންދެން، އިތުރު ޚިދުމަތްތައް ފެށުމަށް ޤަވާއިދުތައް އިސްލާކުރަނީ


ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރު ޤާއިމުކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓު ފަހަރަށް ޚިދުމަތްދޭން ފެށުމަށް މިހާރު އަމަލުކުރާ ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފޫށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފެށެމުގެ މަސައްކަތްތަކާއި ބެހޭގޮތުން ހޯރަފޫށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމެންޓް ބަނދަރެއް ތަރައްޤީކުރެވެންދެން އެސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށްޓަކައި އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޚިދުމަތް ފެށުމުގެ ކުރިން މިހާރު އަމަލުކުރަމުންދާ ޤަވާއިދުތަކެއް އިސްލާހުކުރަންޖެހޭކަމަށެވެ. އަދި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސަކުރެވި، ޤަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމަފައިވާކަމަށް މިނިސްޓަރ ފައްޔާޟު ފާހަގަކުރެއްވިއެވެ.

އިހަވަންދިއްޕޮޅުގައި އެންމެ އަވަހަށް ފަށާ ޚިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތް ހިމެނެއެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، އެސް.ޓީ.އޯއިން ބަންކަރިން ޚިދުމަތް ފެށުމަށް ބައިނަލްއަޤްވާމީ ތެޔޮ ކުންފުނިތަކާއި މަޝްވަރާކޮށް، އެ ޚިދުމަތް ފެށުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މީގެއިތުރުން އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާާގުބޯޓުތަކަށް ޚިދުމަތްދޭން ފެށުމަށްޓަކައި އިމިގްރޭޝަން، ކަސްޓަމްސް އަދި އެހެނިހެން ރެގިއުލޭޓަރީ މުއައްސަސާތައް ޤާއިމުވެފައިވާ އައި.އެސް.ޕީ.އެސް މިންގަނޑަށް ފެތޭ ފެސިލިޓީއެއް އިހަވަންދިއްޕޮޅުގައި ޤާއިމްކުރަންޖެހޭކަމަށް މިނިސްޓަރ ފައްޔާޟް ވަނީ ފާހަގަކުރައްވާފައެވެ.

މި ފެސިލިޓީ ޤާއިމްކުރަންޖެހެނީ ބަނދަރުގެ ޖާގައާއި، ބަނދަރަށް ވަދެ ނިކުމުތުމާއި، ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ބަނދަރަށް ނިވާ ލިބޭފަދަ ކަންކަމަށް ރިޢާޔަތްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ ފެސިލިޓީއެއް ޤާއިމްކުރުމާއި ބެހޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއާއި މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޕޯޓްސިޓީއެއް ތަރައްޤީކުރުމަށްވެސް ސަރުކާރުން ރާވާފައިވާކަމަށެވެ.

އެހެންކަމުން ޕޯޓް ސިޓީގެ މަޝްރޫޢު ނިމިގެން އަންނައިރު އިހަވަންދިއްޕޮޅު ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުތަކަށް ޚިދުމަތްދޭން ފަށާނީ ޕޯޓްސިޓީ މަޝްރޫޢުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިޕޯޓްސިޓީ މަޝްރޫޢުގެ ތެރެއިން ކްރޫ ޗޭންޖުގެ ޚިދުމަތާއި، ބަންކަރިން ޚިދުމަތްތައް ފަދަ ޚިދުމަތްތައް ދެވޭނެއެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމަޒަކީ އެ ސަރަޙައްދުގައި އިތުރު އިންވެސްޓްމަންޓްތައް ކުރުމުގެ ބަދަލުގައި އިހަވަންދިއްޕޮޅުގައި ޕޯޓްސިޓީގެ މަޝްރޫޢުގެ ބިންހިއްކުން އަވަސްކޮށް، އެތަނުން ޚިދުމަތްދޭން ފެށުންކަމަށެވެ.

އިހަވަންދިއްޕޮޅުގައި ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ބަޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތުފާލަމެއް ޤާއިމްކުރުމަށް ވަނީ ރާވާފައެވެ. އަދި އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި، މި މަޝްރޫޢުއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވެއެވެ.