ޚަބަރު

ކާވާ ޗެމްޕިއަންސް ލީގު: ލަންކާ ބަލިކޮށް ހެލްޕް ނޭޕާލް ތިންވަނައަށް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ރޭ ކުޅުނު މެޗު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ސީދާ ތިން ސެޓުން ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ނިކުތީ ލަންކާ ޕޯޓްސް އޮތޯރިޓީ އާއި ދެކޮޅަށެވެ.

ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި މެޗުގައި ލަންކާ ޓީމަށް މާ އެދެމޭ ކުޅުމެއް ދެއްކިފައިނުވާއިރު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ފުރަތަމަ ސެޓު ގެންދިޔައީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ސެޓު 25-16 އިން ކާމިޔާބުކޮށް ދެވަނަ ސެޓު 25-22 އިން ނޭޕާލް ޓީމުން ކާމިޔާބުކުރިއެއވެ. އެހެންނަމަވެސް ތިން ވަނަ ސެޓުގައި ލަންކާ ޕޯޓްސް އިން ކުޅުން ރަނގަޅުކުރިއެވެ. ނަމަވެސް އެ ސެޓު 25-23 ން ކާމިޔާބުކުރީ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި ހެލްޕް ނޭޕާލުން ހޯދި މި މޮޅާއެކު އެޓީމު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. މި މެޗުން ބަލިވި ސްރީލަންކާ ޕޯސްޓް އޮތޯރިޓީއަށް ލިބިފައިވާ ހަ ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.