ޚަބަރު

ތިލަފުއްޓަށް ކޮންމެ ދުވަހަކު 800 ޓަނުގެ ކުނި، އަންދާޒާތަކަށްވުރެ އެތައް ތަނެއް އިތުރު


އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ގްރޭޓަރ މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ މައި މަރުކަޒަކަށް ތަރައްޤީކޮށްފައިވަނީ ތިލަފުއްޓެވެ. އެހެންނަމަވެސް ތިލަފުއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސަރަޙައްދުން އުފައްދާ ކުނީގެ ނިސްބަތް ޕްރޮޖެކްޓްގެ އަންދާޒާއަށްވުރެ އެތައް ގުނައެއް އިތުރުވެގެންދިޔުމެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް، ރާއްޖެވަނީ އެކި ޒޯން ތަކަށް ބަހާލާފައެވެ. މިއިން ކޮންމެ ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ސަރަޙައްދީ މައި އެއް މަރުކަޒު ޤާއިމުކޮށް އެތަނުގައި ކުނި މެނޭޖްކުރެވޭނެ ޒަމާނީ ވަޞީލަތް ޤާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޒޯން 3 ގައި ހިމެނޭ ގްރޭޓަރ މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ސަރަޙައްދީ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަނީ ތިލަފުއްޓެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮންސަލްޓަންޓް ފޯރ ގްރޭޓަރ މާލޭ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓް، އަޙްމަދު އާޒިމް ވިދާޅުވީ، ތިލަފުށި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރެވޭނެހެން ތަރައްޤީކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިކަމުގައިވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މި ސަރަޙައްދުގައި އުފައްދާ ކުނި އެންމެ ފުރަތަމަ އަންދާޒާ ކުރިން މިންވަރަށްވުރެ އެތައް ތަނަކުން އިތުރުވުންކަމަށް އާޒިމް ވިދާޅުވިއެވެ. މާލޭގެ އިތުރުން މި ސަރަޙައްދުގައި ހިންގާ ހުރިހާ ރިސޯޓަކާއި އިތުރު 32 ރަށަކުން ބޭރުކުރާ ކުނި ގެންނަނީ ތިލަފުއްޓަށެވެ.

"މިތަނުގައިވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެތަނަށް ގެންދެވޭނެކަމަށް އެންމެ ފުރަތަމަ، އަންދާޒާކުރި ވަރަށްވުރެ މާ ގިނަ ކުނި އެބަގެންދޭ. ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި ގެންދާއިރު އެއީ ގޮންޖެހުން ބޮޑު އޮޕްރޭޝަނަކަށް ވެފައި އޮންނަނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ތިލަފުއްޓަކީ މީގެކުރިން ކުނި މެނޭޖްކުރާ ތަނެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެތަނަކީ އެއްވެސް އުޞޫލެއް އިންތިޒާމެއް ނެތި ހުރިހާ ބާވަތެއްގެ ކުނި އަޅަމުންދިޔަ ތަނެއްކަމަށެވެ.

މިއުޞޫލު ބަދަލުކޮށް މިހާރު އެއީ ޒަމާނީ ގޮތަކަށް ކުނި މެނޭޖްކުރެވޭ ފަދަ ތަނަކަށްވަނީ ބަދަލުކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ގެންދާ ކުނި ވަކިކޮށް، ކުނި ޕްރޮސެސްކުރުމަށްފަހު ކުނި ޝްރެޑްކޮށް، ކޮންމެ ދުވަހަކުވެސް ބޭރުކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޢާއްމުން ކުނި އުފައްދާ މިންވަރު މަދުކުރުމަށް ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.

އެންމެ ބޮޑު އެއް އަމާޒަކީ ތިލަފުށީގައި ޤާއިމުކޮށްފައިވާ، ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ފެސިލިޓީ، ނުވަތަ ކުނި މެނޭޖްކުރުމުގެ ސަރަޙައްދީ މައި މަރުކަޒު ތަރައްޤީކޮށް ޒަމާނީ ގޮތަކަށް ކުނިމެނޭޖްކުރުމަށް ބޭނުންވާ ވަޞީލަތް އެތަނުގައި ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ފެންވަރަށް އެތަން ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ގިނަ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެމްކޯއާއި ޙަވާލުކޮށްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ކުރިއަށްދާ މި ޕްރޮޖެކްޓަކީ 5 އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ވިދާޅުވެއެވެ.