ޚަބަރު

މާލޭގެ 3 ރޫޓަކުން 3 ގަޑިއިރަށް ބަހުގެ ޚިދުމަތް މެދުކަނޑާލަނީ


މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތް، މި ރޯދަމަހު، 3 ރޫޓިންއަކުން 3 ގަޑިއިރަށް ޚިދުމަތް މެދުކެނޑޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީއިން ބުނީ ރަމަޟާން މަހުގެ ހަވީރުގެ ވަގުތަކުގަޔާއި، ތަރާވީސް ނަމާދު ވަގުތަކަކީ މަގުމަތީގެ ތޮއްޖެހުން އިތުރުވެ ވެހިކަލްތައް ޕާކް ކުރުން ގިނަ ވަގުތަކެއްކަމަށެވެ. އަދި އެ ވަގުތުތަކުގައި މަގުތަކުގެ ބާރު ބޮޑުވެ، ބަސް ދަތުރުތަކަށް ދަތިވާކަމަށް އެމް.ޓީ.ސީ.ސީން ބުންޏެވެ. އެހެންކަމުން މިނީ ބަސް ދަތުރުކުރާ 3 ރޫޓެއްގެ ބަސް ދަތުރުތައް 3 ގަޑިއިރަށް މެދުކަނޑާލަން ނިންމީކަމަށް އެމް.ޓީ.ސީ.ސީއިން ބުންޏެވެ. އެއީ އޯކިޑްރޫޓް، އަމީނީރޫޓް އަދި ސޯސަން ރޫޓެވެ.

އެމް.ޓީ.ސީ.ސީއިން މި ގެނައި ބަދަލުން މިނީ ބަހުގެ މި 3 ރޫޓުން ކޮންމެ ދުހަކުވެސް އިރުއޮށްސި 6 އިން ރޭގަނޑު 9 އަށް ބަސްދަތުރުތައް މެދުކަނޑާލާނެއެވެ. އަދި އެހެންް ހުރިހާ ރޫޓެއްގެ ދަތުރުތައް ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 އިން 7 އަކަށް މެދުކަނޑާލާނެއެވެ. ހުޅުމާލެ ފޭސް 1 އަދި ދޭއްގެ އިތުރުން ވިލިމާލޭގެ ބަހުގެ ޚިދުމަތްވެސް އެ ވަގުތުތަކުގައި ދިނުންހުއްޓާލާނެކަމަށް އެކުންފުނިން ބުނެއެވެ.


މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމް.ޓީ.ސީ.ސީއިން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމް.ޓީ.ސީ.ސީން ދަނީ ބޭނުންކުރަމުންނެވެ.

މީގެ އިތުރުން ވިލިމާލޭގައިބަހުގެ ޚިދުމަތް ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ވިލިމާލޭގައި ބަހުގެ ޚިދުމަތަށް 6 ބަސް ބޭނުންކުރެއެވެ. ވިލިމާލޭގައި ބަހުގެ ޚިދުމަތް ދެނީ ތިމާވެްޓާ ރަށްޓެހި ބަސްތައް ބޭނުންކޮށްގެންނެވެ.