ޚަބަރު

ރަސްދޫ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އޭޕްރީލްމަހު ޙަވާލުކުރަނީ


އއ.ރަސްދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް އަންނަ އޭޕްރީލްމަހުގެ ތެރޭގައި ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ރަސްދޫގައި ތަރައްޤީކުރުމަށް ހަމަޖެހި، ޓެންޑަރކޮށްފައިވާ 50 ހައުސިންގ ޔުނިޓްތަކުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރަސްދޫގައި ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުގެ ބިޑް ހުޅުވާ، ބިޑްތައް އިވެލުއޭޓްކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިވެލުއޭޝަންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މަރުޙަލާގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ މިމަރުޙާލާގެ މަސައްކަތް ނިންމާ އަންނަ އޭޕްރީލް މަހުގެ ތެރޭގައި މިމަސައްކަތް ބަޔަކާއި ރަސްމީކޮށް ޙަވާލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ނެގޯޝިއޭޓްކުރުމުގެ މަސައްކަތް ނިންމާ އެވޯޑުކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި ނިންމުމަށް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުން. ކޮންޓްރެކްޓަރާއި ޙަވާލުކޮށްގެން ކިހާ ދުވަހެއްގެ ތެރޭގައި، މަސައްކަތް ނިންމާ ރައްޔިތުންނަށް ވަދެވޭނެތޯ ކުރެއްވި ސުވާލުގައި އަޅުގަނޑަށް ދަންނަވާކަށް ނޭނގެ ކިހާދުވަހެއްގަ ނިންމާލެވޭނެކަމަށް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކާއި ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. މިގޮތުން ބައެއް ރަށްރަށުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު ބައެއް ރަށްރަށުގައި ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސީދާ ތަފްސީލު މިވަގުތު ދަންނަވަން ދަތި. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެކި ރަށްރަށުގައި ވަރަށް ގިނަ ހައުސިންގ ޔުނިޓުތަކުގެ އެވޯޑުކުރެވި މަސައްކަތް ފެށޭ ހިސާބުގައި ނުވަތަ މަސައްކަތް ފެށިފައި މިހާރު އެބަހުރި. ހުޅުމާލޭގައި އެފްޑީސީ މެދުވެރިކޮށް 2000 ހައުސިންގ ޔުނިޓު ކޮންޓްރެކްޓަރަކާއި ޙަވާލުކޮށް އަދި އިތުރު 2000 ޔުނިޓު އެހެން ކޮންޓްރެކްޓަރަކާއި ޙަވާލުކޮށް ޖުމްލަ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދޭ" މިނިސްޓަރ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމާއި ގޯތި ދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ސަރުކާރުން ކުރަމުންނެވެ.