ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެއްވަނަ ބައިވެރިއަކަށް އާޔަން


ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ ބައިވެރިޔާގެ މަޤާމު އިސްކަންދަރު ސްކޫލުގެ ދަރިވަރު އާޔަން އަޙްމަދު ޢިނާން ޙާޞިލުކޮށްފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތް ނިންމުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މުބާރާތުން އެކި ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމުތައް ވަނީ ޙަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

35 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ ބައިވެރިއަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު އަޔާން އަޙްމަދު ޢިނާނެވެ. އާޔަން ވަނީ މި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ބައިވެރިޔާގެ މަޤާމާއި، ކީ ސްޓޭޖްތަކުން ބަލައިގެން ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 4 އިންވެސް އެއްވަނަ ހާޞިލުކޮށްފައެވެ. މި މުބާރާތުން އެއްވަނަ މުއްސަސާއަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލެވެ.

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހާޞިލުކޮށްފައިވަނީ އަލްމަރަދުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު ނަވާރު ފިރާޤު މުޙައްމަދުފުޅެވެ. ނަވާރު ވަނީ މި މުބާރާތުގައި ކީ ސްޓޭޖްތަކުން ނުބަލާ ކިޔެވުމުގެ ގޮފިން ކީ ސްޓޭޖް 4 އިންވެސް އެއްވަނަ ޙާޞިލުކޮށްފައެވެ. އަދި މުޅި މުބާރާތުން ޙާފިޒުންގެ ބައިން އެއްވަނަ ބައިވެރިއަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ފާތުމަތު ޝާޔާ ޒާޙިރެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ސިޓީ ސްކޫލަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލެވެ. އަދި މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ސިޓީ ސްކޫލަކަށް ހޮވިފައިވަނީ އަލްމަދަރުސަލު ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަތޮޅު ކައުންސިލަކަށް ހޮވިފައިވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލެވެ.

މިފަހަރުގެ މުބާރާތުގައި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ މުއައްސަސާއަކަށް ދެ މުއައްސަސާއެއް ވަނީ ހޮވިފައެވެ. އެއީ ޒަމާނީ ޤުރުއާން ކުލާހާއި، އަސާސް ޤުރުއާން ކުލާހެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރި ޙާފިޒުންނަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދެއްވާ ތާޖާއި ސެޓިފިކެޓްވެސް މި ރަސްމިއްޔާތުގައި ވަނީ ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި މިފަހަރުގެ މުބާރާތުގައި 121 މުއައްސަސާއަކުން 1000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކުރައްވާ، މި މުބާރާތައް ދަރިވަރުންނާއި މުއައްސަސާތަކުން ބަހައްޓާ ޝަޢުގުވެރިކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްއޮތްތާނގައި ބޭރުން ޙާފިޒުން ގެންނަންނުޖެހޭ ވަރަށް ދިވެހި ޙާފިޒުން ތަމްރީންކޮށް ނެރުމަށް ގަދައަޅާ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކީރިތި ޤުރުއަން އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އުޅެންވީގޮތް ބަޔާންކުރެއްވި ފޮތްކަން ފާހަގަކުރައްވާ، ޤުރުއާނުން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާ ރިވެތި ނަމޫނާތަކާއި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމުޢިއްޔާތަކާއި ޤުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ޙާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.