ޚަބަރު

ކަމަދޫ ބަނދަރު ތަރައްޤީކުރުން: އުމްރާނީގޮތުންނާއި ފަތުރުވެރިކަން ފުޅާކުރަން ފަހި ފުރުސަތެއް


ބ.ކަމަދޫ ބަނދަރު ތަރައްޤީކޮށް ބޮޑުކުރުމުގެ މަސައްކަތަކީ މިސަރުކާރަކުން އެރަށަށް ކޮށްދޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ކަމަދޫގައި ކުރިއަށްދާ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަސަން ޒަރީރު މިކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކަމަދޫގައި މިހާރު އޮތީ މީގެ 25 އަހަރު ކުރިން ވިލާ ކުންފުންޏާ އެރަށު ރައްޔިތުންގެ މަސައްކަތުން ހަދާފައި އޮތް 400 ފޫޓް ދިގު 150 ވަރަކަށް ށްފޫޓް ފުޅާ ބަނދަރެކެވެ. މި ބަނަދަރުގެ އޭރުގެ ހާލަތަށް ބަލާނަމަ ބަނދަރުގެ އެއްގަމު ތޮށިއޮތީ އެއްކޮށްހެން ހަލާކުވެފައެވެ. މޫދުން ގައު ހޮވައިގެން ހަދާފައި އޮތް ބަނދަރުގެ ބޭރު ތޮށިވެސް އޮތީ ހަލާކުވެފައެވެ. މިސަބަބާހުރެ ނެރާ ފަޅުތެރެ ވަނީ ތިލަވެފައެވެ. ބޮޑެތި ގިނަ އުޅަނދުތަކެއް ކައިރި ކުރާ މިބަނދަރުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާ މެދު ނުކެނޑި ކައުންސިލަށް އޭރު އައީ ލިބެމުންނެވެ.

އެހެންނަމަވެސް ސަރުކާރުން އެރަށުގައި ތަަރައްޤީ ކުރާ ބަނދަރާއެކީ މިހުރިހާކަމެއް ހައްލުވެގެންދާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ މިސަރުކާރުން ކަމަދޫގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތާއި ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

"މީސަރުކާރުން މިރަށުގެ ރަށްޔިތުންނަށް ކޮށްދޭ އެންމެ މުހިންމު މަސައްކަތްތައް އެކަމަށްޓަކައި ރައްޔިތުންތިބީ ވަރަށްވެސް އުފަލުން އެއީ އެމީހުން މީގެ ކުރިން ލަފާފުރުމަށް ބޭނުން ކުރަމުންދިޔަ ހަލާކުވެފައި އޮތް ބަނދަރުގެ ތަކުލީފް ނިމުމަކަށް އަންނާތީ އަދި އެކަން ރައްޔިތުން ބަލައިގަނޭ. އެކަމަށްޓަކައި އަދުގެ ރައީސުލްޖުމްޙޫރިއްޔާއަށް ރައްޔިތުގެ ނަމުގައި ޝުކުރުއަދާކުރަން" ހަސަން ޒަރީރު ވިދާޅުވިއެވެ.

ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ބަނދަރުގެ މަސައްކަތަކީ އުމްރާނީގޮތުން އެރަށް ކުރިއަރައި ދިއުމަށާ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތްކަމަށެވެ. ކަމަދޫ އަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރީގައި ބ.އަތޮޅުގައި ދެވަނައަށް އެންމެ ގިނަ އެނދު ހުންނަ އެއްރަށެވެ. ބަނދަރު ހަލާކުވެފައި އޮތުމުންނާ ބަނދަރުގެ ޖާގަ ކުޑަވުމުން ފަތުރުވެރިންނަށް ބަނދަރުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ނުކުރެވޭކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އެޝަކުވާ އެވިޔަފާރި ކުރާފަރާތްތަކުން ކުރަމުން އައިކަމަށް އޭނާ ވިދާޅުވިއެވެ.

"ކަމަދޫ އަކީ ލޯކަލް ޓޫއަރިޒަމްގެ ވިޔަފާރީގައި ބ.އަތޮޅުގައި ދެވަނަ ރަށް. ވަރަށް ގިނަ ފަތުރުވެރިން އާދޭ އެވިޔަފާރި ކުރާ މީހުންނާ ބަނދަރުގައި ތެޔޮ ވިއްކާ ފަރާތްތަކުން ވަކި ސަރަހައްދެއް އެކަމަށް ހާއްސަ ކޮށްފައި ނެތުމަކީ އޭރު އޮތް ކަންބޮޑުވުމެއް، އަދި އުމްރާނީ ގޮތުން އެހެންނިހެން މަސައްކަތްތަކަށް އެޅިިފައި އޮތް ހުރަހެއްއެއީ، އެހެންނަމަވެސް މިހާރު އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބެންފަށައިފި" ޒަރީރު ވިދާޅުވިއެވެ.

ކަމަދޫގައި ބަނދަރު މަރާކާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެކުންފުނިން ބުނީ މިހާރު އެބަނދަރުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިހާރު ކުރަމުންދަނީ ކުދި އުޅަނދުތައް އެޅުމަށް ބޭރު ތޮށީގައި ޖެޓީ ހެދުމުގެ މަސައްކަތެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރުވަނީ ނިމުކަމާ ގާތައްގޮއްސައެވެ.

މިމަޝްރޫޢުގެ ދަށުން، 25،404 އަކަމީޓަރުގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތައް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާ ނެރު ބައްތި ޖެހުން މިމަސައްކަތުގެ ދަށުން ކުރެވިގެންދާނެއެވެ.

400 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތައް 47.01 މިލިއަން ރުފިޔާއަށް ހަވާލުކުރި މިރަށުގެ ރައްޔިތުން ތިބީ މި ބަނދަރުގެ މަސައްކަތް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ކަމަދޫ ކައުންސިލުން ބުނީ މިހާރު މަސައްކަތް ދާ ހަލުވިމިނަށް ބަލާނަމަ ރައްޔިތުންގެ މި އުންމީދު މިއަހަރުގެ މެދެއްހާ ހިސާބަށް ހާސިލްވާނެކަމަށެވެ.