ޚަބަރު

އައްޑޫ ސިޓީ ބިން ހިއްކުން: މުހިއްމު މަސައްކަތްތަކެއް ނިމެނީ


އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދުގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖް، މަރަދޫއާ ގުޅާލެވޭ ސަރަހައްދަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މުހިއްމު އަހަމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖެނުއަރީމަހުއެވެ.

އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. އަދި އައްޑޫ ސިޓީގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުއަކީ މިވަގުތު އެ ސިޓީގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއެވެ.

ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ހަންކެޑެ ސަރަހައްދުގައި ގާއިމުކުރާ ބްރިޖް މަރަދޫއާ ގުޅާލެވޭ ސަރަހައްދަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ޖުމްލަކޮށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ބިންހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މިރަށްރަށުގެ ފަޅު ތެރެއިން އިތުރު ތިން ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ކުރިންވަނީ ހާމަކޮށްފައެވެ. އަދި 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބިން ހިއްކުމުގެ މި މަޝްރޫއުގެ ސަބަބުން މިހާރު އައްޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ކުރިއަށްއޮތް 50 އަހަރަށް ހައްލުވާނެއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެންއޫޑް ކުންފުނިންނެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގެ 27 ވަނަ ދުވަހުގައެވެ.