ޚަބަރު

އޭޕްރީލް، ޖޫން، އޯގަސްޓްގައި 3 އެއަރޕޯޓެއްގެ ރަންވޭގައި ތާރުއަޅަން ފަށާނެ: އާޒިމް


މިހާރު ތަރައްޤީކުރަމުންދާ އެއަރޕޯޓްތަކުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ތަރައްޤީކުރި ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް އަޅައިދިން ހޯރަފުށީ އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓާއި، ފަރެސްމާތޮޑާ އެއަރޕޯޓަށްފަހު، އެމް.ޓީ.ސީ.ސީއިން މިހާރު މަސައްކަތް ނިންމަމުން އަންނަ، މުލީ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް، އެޕްރީލްމަހު ފަށާނެ ކަމަށެެވެ. އަދި ފ. މަގޫދޫ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރ އަލިފުށީ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްވެސް، އޮގަސްޓު މަހުގެ ތެރޭގައި ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ. މި ރަންވޭތަކަކީ 1200 މީޓަރު ދިގު ރަންވޭތަކެކެވެ. އެމް.ޓީ.ސީ.ސީން މަސައްކަތްކުރަމުން ދަނީ މި ދައުރުގެ ތެރޭގައި 3 އެއަރޕޯޓު ވެސް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވަންކަމަށް އާޒިމް ވިދާޅުވިއެވެ.

"މި 3 އެއަރޕޯޓު މި ދައުރުގެ ތެރޭގާ ހުޅުވިގެންދާއިރު، މަނިކުފާނު ވެވަޑައިގަންނަވާނީ، އެއް ދައުރެއްގެ ތެރޭގައި، 6 އެއަރޕޯޓު ތަރައްޤީކޮށް ހުޅުވާ ދެއްވާ، ފުރަތަމަ ރައީސަށް" އެމް.ޓީ.ސީ.ސީގެ ސީއީއޯ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭ ރޭގަނޑަށް ދިއްލޭނީ ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ނިންމައިގެން ކަމަށާއި، އެ މަސައްކަތް ވެސް އޭޕްރީލްމަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ނ. މާފަރު އެއަރޕޯޓު އެކްސްޕޭންޝަން ޕްރޮޖެކްޓްވެސް އެއް އަހަރު ތެރޭގައި ނިންމަން އަމާޒު ހިފައިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ތަރައްޤީކުރަމުން އަންނަ އެއަރޕޯޓްތަކުގެ މަސައްކަތް ކުރަނީ އެރަށަކުން ބޮޑު ބައެއް ހިއްކައިގެންނެވެ. މިގޮތުން މިހާރު އެންމެ ބާރު ދުވެލީގައި މަސައްކަތް ކުރަމުން އަންނަ 3 އެއަރޕޯޓަކީވެސް ހިއްކައިގެން ތަރައްޤީކުރަމުން އަންނަ އެއަރޕޯޓްތަކެވެ. ބިން ހިއްކުމުގެ މަސައްކަތްތަކާއެކު އެއަރޕޯޓަށް ބޭނުންވާ އެހެނިހެން އިމާާރާތްތަކުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.