ފަރެސްމާތޯޑާ އެއަރޕޯޓަކީ، ގދ.އަތޮޅުގައި ވިޔަފާރިތައް ފަށަން ބޭނުންވެފައި ތިބި މީހުންނަށް ލިބުނު ބޮޑު ފުރުޞަތެއް ކަމަށާއި، އެ އެ ފުރުސަތުގެ ބޭނުން ހިފައިގެން އިޤްތިސާދީ މަސައްކަތްތައް އަވަހަށް ފަށައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުޖުމްހޫރިއްޔާ ވަނީ ފަރެސްމާތޮޑާ އެއަރޕޯޓާއެކު އެ ރަށަށް އަންނާނެ އުމްރާނީ އަދި އިޤްތިސާދީ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ފަރެސްމާތޮޑާއާއި އަދި ރަށްކައިރީގައި ދެން އޮތް މީހުން ދިރިއުޅޭ 4 ރަށުގެ ރައްޔިތުން އެތައް ޒަމާންތަކަކަށް ވަންދެން ދެކެމުން އައި ހުވަފެނެއް ހަގީގަަަކަށްވުންކަމަށެވެ. އަދި އެ ސަރަޙައްދުގައި ކައްދޫ، ކާޑެއްދޫ އަދި މާވަރުލު އެއަރޕޯޓް ހިނގިނަމަވެސް، މި ރަށްތަކުގެ ރައްޔިތުން އެ އެއަރޕޯޓްތަކަށް ދިއުމަށް ދިގު ދަތުރުކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ވައުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30-20 މިނެޓުގެ ދަތުރެއްކޮށް ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީވެފައި އޮތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ސަރަޙައްދުގެ ރައްޔިތުންނަށް އެ ވަޢުދު ފުއްދައިދެވިއްޖެކަމަށެވެ.
ރައީސް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓަކީ ހަމައެކަނި އެއަރޕޯޓެއް ނޫންކަމަށާއި، ރާއްޖޭގެ ރަށްފުށުގެ މަލަމަތި ސިފަކޮށްދޭ ހިތްގައިމު އެއަރޕޯޓެއްކަމަށެވެ. އެގޮތުން ރަށުގެ މަލަމަތިން އިހުގެ ހަރުގެއެއްގެ ސިފަ މި އެއަރޕޯޓުން ދައްކުވައިދޭކަމަށް ރައީށް ވިދާޅުވިއެވެ.
"ގުދުރަތީ އަލި ވީހާވެސް ބޮޑަށް ލިބޭގޮތަށާއި އަދި އެއަރޕޯޓް ފެހި ކުރުމަށް ކޮށްފައިވާ މަސައްކަތަކީ ތިމާވެއްޓާ ރައްޓެހިކޮން ފެންނަ ހިތްފަސޭހަ މަންޒަރެއް. މީގެ ހިތްހަމަޖެހުން އެ އެއަރޕޯޓް ބޭނުންކުރާ ކޮންމެ ރައްޔިތަކަށްމެ ލިބޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަތުރުފަތުރުކުރުމުގައި އާއްމުންނަށް ލިބޭ ހިތްހަމަޖެހުމުގެ އިތުރުން އެއަރޕޯޓެއްގެ އެންމެ މުހިންމު ބޭނުމަކަށް ވަނީ އެ ސަރަޙައްދުގެ ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުންކަމަށެވެ. އެގޮތުން ފަރެސްމާތޮޑާ އެއަރޕޯޓާއެކު މިހާރުވެސް ގިނަ ވަޒީފާތަކެއް އުފެއްދިއްޖެކަމަށާއި ދެން އެންމެ އަވަހަށް ރަށުގައި ފުޅާވާނީ ޓެކްސީގެ ޚިދުމަތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރަށްރަށުގައި ހުރި ވިޔަފާރިތައް ބޭނުންކުރާ މީހުން އިތުރުވުމާއި، އަދި އިތުރު ވިޔަފާރިތަކަށްވެސް އެއަރޕޯޓާއެކު ފުރުޞަތު ހުޅުވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރަށުގެ ހޮޓާ ރެސްޓޯރަންޓްތަކުން ޚިދުމަތް ހޯދުން އިތުރުވާނެ. އަދި ގެސްޓްހައުސް ވިޔަފާރިއަށް އުއްމީދުކޮށްގެން ތިބު މީހުންނަށް މިއޮތީ ރަނގަޅު ފުރުޞަތެއް. ލަސްނުކޮށް އަވަހަށް މަސައްކަތްތައް ފައްޓަންވީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއަރޕޯޓާއެކު ރަށަށް އުމްރާނީ ބޮޑެތި ކުރިއެރުންތައްވެސް އަންނަން ފަށާފައިވާކަމަށެވެ. އެގޮތުން އާ އިންޖީނުގޭގެ މަސައްކަތް މިހާރު ނިމި ބޭނުންކުރަން ފަށާފައިވާކަމަށާއި އަދި އެއަރޕޯޓާ ފަރެސްމާތޮޑާ ގުޅާލާ ކޯސްވޭގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. ރަށުގައި ނަރުދަމާވެ މަސައްކަތް ކުރިއަށްދާއިރު، ދެން އެންމެ އަވަހަށް ފަށާނީ ރަށުގެ އެއަރޕޯޓަށް ދަތުރުކުރާ މައި މަގުގެ ތާރުގެ މަސައްކަތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފަރެސްތޮޑާ އެއަރޕޯޓް މަޝްރޫޢު ހަގީގަތަކަށް ހެދުމަށް ރަށުގެ ރައްޔިތުންނާއި، އަދި ސަރުކާރާއި އެމްޓީސީސީން ކުރި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.