ޚަބަރު

ކައުންސިލްތައް މިހާރަށްވުރެ ކުރިއަރާނީ ފަރުދުންގެ ބައިވެރިވުން އިތުރުކޮށްގެން: އަފްޝަން


ކައުންސިލްތައް މިހާރަށްވުރެ ކުރިއަރާއި، ރަށާއި އަތޮޅަށް ތަރައްޤީ ގެނެވޭނެ އެންމެ މުހިންމު އެއްކަމަކީ މުޖުތަމަޢުގެ ބައިވެރުވުން އިތުރުކޮށް އެމީހުންގެ ލަފަޔާ އިރުޝާދުގެ މަތިންކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭގެ ސީ.އީ.އޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

އަފްޝަން މިހެން ވިދާޅުވީ، ބ. އަތޮޅު އޭދަފުށީގައި ކުރިއަށްދާ ބ. އަތޮޅުގެ ރަށްތައް ވިލުންވެރިކުރުމުގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެލް.ޖީ.އޭގެ ސީ.އީ.އޯ އަފްޝަން ލަތީފް ވިދާޅުވީ، ދުރުރާސްތާއަށް ތަރައްޤީ ޕްލޭނެއް ހާދާއިރު ބަލަންޖެހޭ ކަންކަން ވަރަށް ގިނަކަމަށެވެ. އެގޮތުން އެންމެ ބޮޑު ނުވަތަ ޚާއްސަ އިސްކަމެއް ދޭންވީ އުމުރުން ދުވަސްވީ މީހުންނާއި، މުޖުތަމައުއިން އެކި ގޮތްގޮތުން ބާކީވެފައި ތިބޭ ޒުވާނުން ކައުންސިލްތަކުން ކުރާ އެކި ކަހަލަ ކަންކަމުގައި ބައިވެރިވުން އިތުރުކޮށް ނަތީޖާ ނެރުންކަމަށް އަފްޝަން ވިދާޅުވިއެވެ.

ތަރައްޤީއަކީ ހަމައެކަނި ޢުމްރާނީގޮތުން އަންނަ ތަރައްޤީކަމަށް ނުދެކުމަށް މި ރަސްމިއްޔާތުގައި އެލް.ޖީ.އޭގެ ސީ.އީ.އޯ ވަނީ ކައުންސިލްތަކަށް އެދިފައެވެ. ރާއްޖެއަށް ލިބިފައިވާ މުއްސަނދި ތަނަވަސް ތިމާވެށީގެ ރައުސުލްމާލު އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ގެންގޮސްދިނުމަކީވެސް ތަރައްޤީއަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އަފްޝަން ވިދާޅުވިއެވެ.

"ތަރައްޤީއަކީ އެކަހިރިވެފައި ތިބި ޒުވާނުން ކަންކަމުގައި ބައިވެރި ކުރުވުން. އުމުރުން ދުވަސްވީ މީހުންނަށް ލޯބިދީ ތަރައްޤީގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުން. އުމްރާނީ ތަރައްޤީއަކީ ހަމައެކަނި ތަރައްޤީކަމަށް ނުދެކޭތި. އާންމު ފަރުދުންނަށާ މުޖުތަމައުއަށް އަންނަ ތަރައްޤީއަކީ އެންމެ މުހިންމު އެއް ތަރައްޤީކަމަށް ދެކެން" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، އެލް.ޖީ.އޭގެ ޒިންމާއަކީ ކައުންސިލްތަކުން ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުމާ އެޙީތެރިކަން ފޯރުކޮށްދިނުންކަމަށާ، އެލް.ޖީ.އޭގެ ޒިންމާއަކީ ކައުންސިލްތަކުގެ ކުށްހޯދާ ގޯސްކޮށް ކުރެވޭ ކަންކަތައްތަކަށް ފިޔަވަޅު އެޅުމެއްނޫން ކަމަށެވެ.

މި މަހާސިއްތާގައި ވާހަކަދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު އަފްރާޙް ވިދާޅުވީ، އަތޮޅު ކައުންސިލުގެ ޕްލޭންގައި އެކުލަވާލާފައި ހުރި ކަންކަން ކުރުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އެގޮތުން ޕްލޭންގައި ވާގޮތަށް އަތޮޅުގެ ކުނީގެ މައްސަލަ ހައްލުކުރުމަށާއި، ކައުންސިލްގެ މާލީ ޙާލަތު ރަނގަޅުކޮށް، ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.

މި މަހާސިންތާގައި ބ. އަތޮޅުގެ 12 ރަށަކުން ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ވަނީ ބައިވެރިވެފައެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްލޭން އެކުލަވާލުގެ ބައްދަލުވުމުގައި އެލް.ޖީ.އޭގެ އިތުރުރުން ބ. އަތޮޅު ބަޔޮސްފިއަރ ރިސަރވް އައު އަތޮޅު ހޮސްޕިޓަލާ އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވެއެވެ.

މީގެ އިތުރުން ހއ، ށ، ނ މި 3 އަތޮޅު ކައުންސިލްގެ ރައީސުންވެސް މި ޕްލޭން ރިވިއުކުރުމުގެ މަހާސިންތާގައި ބައިވެރިވެއެވެ.