ޚަބަރު

އދ. ދިގުރަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


އާބާދީގައި 680 އެއްހާ މީހުން ދިރިއުޅެމުން އަންނަ އދ. ދިގުރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކާ އެންމެ ބޮޑަށް ބަރޯސާވަނީ ރިސޯޓުތަކާއި ގެސްޓް ހައުސް ވަޒީފާތަކަށެވެ. މިރަށަކީ މިހާރު ލޯކަލް ޓޫރިޒަމް ވަރަށް ބާރަށް ތަރައްޤީވަމުން އަންނަ ރަށެކެވެ. އަތޮޅު އެހެންރަށްތަކާ ޚިލާފަށް މި ރަށަކީ ދިގުރަށެއްނަމަވެސް އެކަށީގެންވާ ބަނދަރެއް މި ރަށުގައި ނެތެވެ.

މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނާއި، މުދާ ހިފައިގެން ރަށަށް އަންނަ އޮޑި ދޯނިތަކަށްވެސް އުނދަގޫތަކާ ކުރިމަތިލަންޖެހޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު މިވަނީ ފައްޓަވާފައެވެ.

އދ. ދިގުރަށުގައި މިހާރު އޮތް ބަނދަރަކީ 2000ގެ ކުރީކޮޅުގައި ހަދާފައި އޮތް ބަނދަރެކެވެ. އެ ބަނދަރު ހަލާކުވެފައި ނެތްނަމަވެސް ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. ޚާއްސަކޮށް އެ ރަށަކީ ފަތުރުވެރިިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުން، ކޮންމެ ދުވަހަކުވެސް ރަށަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، އެމީހުން އަންނަ ދޯނި ފަހަރުތައް ބަނދަރުގައި އަޅާފައި އޮންނަ ޖާގާ ކުޑަވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވީ، އެރަށު ފަޅުގައި މިވަގުތުވެސް ޑައިވިން ސްކޫލްތަކުގެ ދޯނިތައް ގިނަ އަދަދަކަށް އަޅާފައި އޮންނަކަމަށެވެ. އަދި ރަށުގައި މިވަގުތު ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށާއި، އެ މަސައްކަތަށް ބޭނުންވާ ސާމަނު ހިފައިގެން އަންނަ ސަޕްލައި ދޯނިތަކަށްވެސް ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން އުނދަގޫވަމުން އަންނަކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ދެންނެވެމުން މިދިޔަ އަހަރުގެ ތެތޭގައި އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިރަށުގައި މިހަރުވެސް 23 ގެސްޓްހައުސްއެއް ހިންގަމުން އެބަދޭ. އިތުރު ގެސްޓްހައުސްތައްވެސް އެޅުމުގެ މަސައްކަތް ކުރަމުންދޭ. މިތަންތަނަށް އަންނަ ފަތުރުވެރިން ސްނޯކްލިންއަށާއި ޑައިވިނަށް ދާ މީހުން ގެންދިޔުމަށްޓަކައި ދޯނިތައް އެބައޮތް. ފެރީގެ ޚިދުމަތްވެސް ދެމުން އަންނައިރު ކޮންމެ ދުވަހަކުހެން މި ބަނދަރަށް ދޯނިތައް ގާތްކުރޭ" ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވިއެވެ.

50.2 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ދިގުރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މޮބިލައިޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު ބަނދަރުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން އެރަށުގައި 64،416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 6770 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 294 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެއެވެ.

މީގެ އިތުރަށް 287 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 2324 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ހަމަޖެހިފައިވެއެވެ. ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެނެއެވެ.