ޚަބަރު

ހުއްދަ ނުހޯދައި ގުޅިފަޅާއި ތިލަފުށީފަޅުގައި އަޅާފައިހުރި އުޅަނދުތައް ނަގަން އަންގައިފި


ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަންގައިފިއެވެ.

ކ.ތިލަފުއްޓާއި ގުޅީފަޅުގެ ތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަޙައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫޢުތަކަށް ދަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްޑިސީން ވަނީ އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރާނެގޮތުގެ އުޞޫލެއް އެކުލަވާލާފައެވެ.

މި އުޞޫލްއާ ގުޅިގެން ނެރުނު ބަޔާނުގައި އެޗްޑީސީން ވިދާޅުވީ ތިލަފުއްޓާއި ގުޅީފަޅު ފަޅުތެރޭގައި ހުރި އުޅަނދުތައް އެ ސަރަޙައްދުން ނެގުމަށް އެކި ފަހަރު މަތިން އަންގާފައިވާކަމަށެވެ. އެހެންނަމަވެސް އެގޮތަށް ހުރި އުޅަނދުތައް މިއަދާ ހަމައަށްވެސް ނަގާފައިނުވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި އުޅަނދުތައް އެ ސަރަހައްދުގައި ހުރުމުން އެޗްޑީސީއަށާއި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް މަޝްރޫޢުއަކަށް ހުރަސް އެޅެމުން އަންނަކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މީގެ އިތުރަށް އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިވެ ތިމާވެއްޓަށްވެސް މިކަމުގެ ސަބަބުން ވަރަށްބޮޑަށް ގެއްލުންވަމުންދާކަން އެޗްޑީސީން ފާހަގަކުރެއެވެ. ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް އެއްވެސް ފަރާތަކުން އެއްވެސް އުޅަނދެއް ނުވަތަ އެއްވެސް އެއްޗެއް ދޫކޮށްލާފައިވާނަމަ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށްވެސް އެޗްޑީސީން އިލްތިމާސްކޮށްފައިވެއެވެ.

ކ. ތިލަފުށްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދު ފަހަރާއި ތަކެއްޗާމެދު ޢަމަލުކުރާނެގޮތުގެ އުސޫލުގައިވާގޮތުން އެ ސަރަޙައްދަށް ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށް، އެ އެއްޗެއް އޮތް ހާލަތަށް ރިޢާޔަތްކޮށް، 7 ދުވަހާއި 30 ދުވަހުގެ މުއްދަތެއްދެއެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ނުނަގައިފިނަމަ އެ އެއްޗެއް ނައްތަލުމާއި ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. އަދި މިކަމުގެ ސަބަުން އޭގެ ވެރިފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެޗްޑީސީން ނަގަން ނުޖެހޭނެކަމަށް އުޞޫލްގައިވެއެވެ.

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނަގާން އެޗްޑީސީން އަންގަމުން މިދަނީ ގުޅިފަޅު ހިއްކުމަށް ސަރުކާރުން ތައްޔާރުވަމުންދާ ވަގުތެއްގައެވެ. އަދި މިސަރަހައްދުގައި ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.