ޚަބަރު

ޕްލާސްޓިކާ ނުލައި އާންމު ދިރިއުޅުމެއް އުޅުމަކީ ނުކުރެވޭނެ ކަމެއް ނޫން: ޝައުނާ


ޕްލާސްޓިކާ ނުލައި އާންމު ދިރިއުޅުމެއް އުޅުމަކީ ނުކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ، ކަނޑުތަކަށް އެޅޭ ޕްލާސްޓިކު ކުނި މަދުކުރުމުގެގޮތުން މަސައްކަތްކުރުމަށް ޔޫއެސް އެއިޑުން ރާއްޖޭގައި ފެށި އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތް އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ރަނގަޅު ގޮތުގައި ނައްތައިލުމުގެ މަސައްކަތް ހަރުދަނާކޮށް، އެކަމަށް ބާރު އަޅައި އެހީތެރިވުމުގެގޮތުން ރާއްޖެއާއި ސްރީލަންކާގައި 5 އަހަރުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ.

އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އެނޫންވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑުކަމަށެވެ. އަދި ޕްލާސްޓިކަކީވެސް އޭގެ ޒާތުގައި ތިމާވެއްޓަށް އެތައް ގެއްލުންތަކެއްދޭ އެއްޗެއްކަން ފާހަގަކުރައްވާ، ޕްލާސްޓިކާނުލާ އާންމު ދިރިއުޅުމެއް އުޅުމަކީ ނުކުރެވޭނެކަމެއް ނޫންކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝައުނާގެ ވާހަކަފުޅުގައި މީރު ފެން ފަށަލަ ހަލާކުވުމުގެ އިތުރުން ރަށު ތެރޭގައި ފެން ބޮޑުވެ އުދަ އެރުމުގެ ހާދިސާތައް ފަހަކަށް އައިސް ރާއްޖޭގައިވެސް އިތުރުވާކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަލާ ދިރިއުޅުން އެހާލަތައް ބައްޓަންކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ޔޫއެސް އެއިޑުންއިން ބުނީ މި މަޝްރޫޢުގެ އެހީގައި ޕްލާސްޓިކު ކުނީގެ ސަބަބުން ކަނޑު ތަޢައްޔަރުވުމުގެ މައްސަލައަށް ސަމާލުކަން ދެވޭނެއެވެ. އަދި، ކުނި، ހެޔޮގޮތުގައި މެނޭޖްކުރުމަށާއި، ކުނި މެނޭޖްކުރުމަށް އިސްކަންދިނުމާއި، ހަރުދަނާކުރުމަށާއި، ޤައުމީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ތަރައްޤީކުރުމަށް މަގުފަހިވެގެން ދާނެކަމަށް ޔޫއެސް އެއިޑުންއިން ބުނެއެވެ.

އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޕްލާސްޓިކުގެ އައު އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކުރުމާއި، ކުނި މެނޭޖްކުރުން ތަރައްޤީކުރުމާއި، އުކާލެވޭ ޕްލާސްޓިކު ކުނި މަދުކުރުމަށް ސަމާލުކަންދީ ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމުގެ އިތުރުން ރަށު ފެންވަރުގައި ކުނިމެނޭޖްކުރުމަށް އެކަށީގެންވާ ހައްލެއް ހޯދާދިނުމަށާއި އެ މަސައްކަތް ހަރުދަނާކުރުމަށް މުޖުތަމަޢުގެ ފަރުދުންނަށް އެހީތެރިވެދިނުންކަމަށެއެވެ.

މީގެ އިތުރުން ކަނޑަށް ޕްލާސްޓިކު ކުނި އެޅޭ މިންވަރު މަދުކުރުމަށް އަމާޒުކޮށް ކުނި ނައްތާލާނެ ހެޔޮ ގޮތްތައް ހޯދުމަށް މަގުފަހިކޮށްދިނުމާއި، މި މަޝްރޫޢުގެ މަޤްސަދުތައް ޙާޞިލުކުރުމަށްޓަކާ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން ބައިވެރިކުރުމާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުން އަދި އެކަހެރިވެފައިވާ ގުރޫޕްތަކަށް ފުރުޞަތު ތަނަވަސް ކޮށްދިނުން ހިމެނޭ ކަމަށެއެވެ.

މީގެ އިތުރުން ޔޫއެސް އެއިޑުންއިން ބުނީ މި މަޝްރޫޢުގެ ހަރަކާތްތައް ކަނޑައެޅުމުގައި ސަރުކާރާއި، އެހީދޭ ޖަމާއަތްތަކުން ކާމިޔާބުކަމާއެކު ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ހިންގާފައިވާ ހަރަކާތްތަކާއި އައު އީޖާދީ ކަންކަމަށް ބެލެވޭނެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ރަށު ފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ އަމިއްލަ ފަރުދުންގެ ބައިވެރިވުމާއެކު ކުރިއަށްގެން ދެވޭނެކަމަށާއި، މިގޮތުން ޤައުމީ ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި އަދި ރަށު ފެންވަރުގައި ބޭނުންކުރެވޭ ކުނިމެނޭޖްކުރުމުގެ ނިޒާމް ހަރުދަނާކުރުމަށް ބާރުއެޅޭނެއެވެ.

ޔޫއެސް އެއިޑުގެ އަމާޒަކީ މި މަޝްރޫޢުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކާއި މުއައްސަސާތައް ހެޔޮގޮތުގައި އަހުލުވެރިކުރުވާ، އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް، ޕްލާސްޓިކުން ތިމާވެށި ރައްކާތެރިކޮށްދިނުންކަމަށް އެ ފަރާތުން ބުނެއެވެ.

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ކުރިއަތްދިޔަ މި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން ޕާލޭ މޯލްޑިވްސްއާއި، ޔޫއެސް އެއިޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި މާލޭގެ ބައެއް ސްކޫލުތަކަށް ނިސްބަތްވާ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.

ޔޫއެސް އެއިޑަކީ އެހެނިހެން ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު މައިގަނޑު ގޮތެއްގައި އަދާކުރާ ޔުނައިޓަޑް ސްޓޭޓްސް ސަރުކާރުގެ އޭޖެންސީއެވެ.

ޔޫއެސް އެއިޑުން މުޅި ދުނިޔޭގައި ތަރައްޤީއާއި އިންސާނީ އެހީގެ މަސައްކަތް ކުރާތާ 62 އަހަރު ވެއްޖެއެވެ. ޔުނައިޓަޑް ސްޓޭޓްސް އިން ދިވެހިރާއްޖެއާ ގުޅިގެން ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިވުމުގެ ގާބިލުކަން އިތުރުކުރުމަށާއި، އިޤްތިޞާދީ އަދި ދިމިގުރާތީ ކަންކަން ހަރުދަނާކޮށް އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް އެހީވެދެއެވެ.