ޚަބަރު

މިދިޔަ އަހަރު އެކަނިވެސް ދައުލަތުގެ ބެލުމުގެ ދަށަށް 40 ކުއްޖެއް


ދައުލަތުގެ ބެލުމުގެ ދަށަށް 2022 ވަނަ އަހަރު 40 ކުއްޖެއް ނަގާފައިވާކަމަށާއި، 10 ކުއްޖަކަށް ބެލެނިވެރިކަން ހޯދާދީފައިވާކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ހާމަކުރައްވައިފިއެވެ.

އެ ސަރވިސްއިން މިކަން ހާމަކޮށްފައިވަނީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން އާންމު ކުރި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، ފޮސްޓަރިން، އަދި ރިއިންޓެގްރޭޝަން ޚިދުމަތުގެ 2022 ވަނަ އަހަރުގެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭކުދިން ޢާއިލާތަކާ ގުޅުވުމަށް ގިނަ މަސައްކަތްތަކެއް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގައި ދިމާވާ އެންމެބޮޑު ދައްޗަކީ ޢާއިލާތަކުގެ ތެރޭގެ ޙާލަތު ބަދަލުނުވުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ކުދިންނަށް އަނިޔާކުރާ މީހުން ގޭތެރޭގައި އުޅުމާއި، ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުން ކުދިން ދައްކާ ވާހަކަ ޤަބޫލު ނުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅުންފަދަ ޙާލަތްތައް ޢާއިލާގެތެރޭގައި ބަދަލުނުކުރެވޭކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ތަފާސްހިސާބުތަކުގައިވާގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް މިދިޔަ އަހަރު އަލަށް ނަގާފައިވަނީ 23 އަންހެން ކުއްޖަކާއި، 17 ފިރިހެން ކުއްޖެކެވެ. އަދި ބެލެނިވެކަން ހޯދައިދެވުނު ކުދިންގެ ތެރޭގައި 7 އަންހެން ކުއްޖަކާއި 3 ފިރިހެން ކުދިން ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހެނީ ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން އަމިއްލަ ޢާއިލާގެ ތެރެއިން ކަށަވަރު ނުވުމުގެ ސަބަބުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބޭ ދަރިން ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު ފިލުންފަދަ މައްސަލަތައް މިދިޔަ އަހަރު އެކަނިވެސް ވަނީ ފެންމަތިވެފައެވެ. މީގެއިތުރުން އެކި ޙާލަތްތަކުގައި ވީހާފައި ހޮސްޕިޓަލަށް ދޫކޮށްލި 11 ކުއްޖަކު ވެސް މިދިޔައަހަރު ދައުލަތަށް ނަގައިފައިވައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ ދުވަސްވެފައިވާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޖެންޑަރ މިނިސްޓްރީންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމާއި ކުދިންނަށް ބޭނުންވާ ހުނަރު އިތުރުކުރުމުގެ އެކި ޕްރޮގްރާމްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެގޮތުގެ މަތިން މިދިޔަ އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 40 ކުއްޖެއްވަނީ އާއިލާތަކާއި ނުވަތަ ވަޒީފާގެ އިތުރުން އިންޓާންޝިޕުގެ ފުރުޞަތު ހޯދައިދީ ރީއިންޓެގްރޭޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަންހެން ކުދިންނާއި، 18 ފިރިހެން ކުއްޖެކެވެ.

މި ވަގުތުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 187 ކުއްޖެއް އެބަތިބިއެވެ. އޭގެ ތެރޭގައި 82 އަންހެން ކުދިއްނާއި 105 ފިރިހެން ކުދިން ހިމެނެއެވެ.