ޚަބަރު

ރަށްގިރުމުގެ މައްސަލައިގެ ޙައްލާއެކު ބުރުނީގެ ފަތުރުވެރިކަމަށް އުއްމީދެއް


ތ.ބުރުންޏަކީ ގުދުރަތީ ގޮތުން ރީތި ރަށެކެވެ. ދިވެހިންގެ ތާރީޚާވެސް ގުޅިފައިވާ ބުރުނީގެ ވާހަކަ އެންމެ ބޮޑަށް އިވެނީ، ރަށުގެ ފަޅަށް ރާގޮނޑިއައިން ވަދެ، އެ ހިފަން ރަށުގެ ރައްޔިތުން ނިކުމުގެ ކުރާ މަސައްކަތުގެ ވާހަކައިންނެވެ.

600އެއްހާ މީހުންގެ އާބާދީއެއް އޮތް ބުރުންޏަކީ ރާއްޖޭގެ ގިނަ ރަށްތަކޭ އެއްގޮތަށް، ރަށްގިިރުމުގެ މައްސަލަ ބޮޑު ރަށެކެވެ. ގުރުދުރަތީގޮތުން ތީރި ބުރުނީގެ، ތުނޑިއަކީ ރަށުގެ އެންމެ ރީތި އެ ސަރަހައްދެވެ. ނަމަވެސް ހުޅަނގު މޫސުމުގައި ތުނޑީގެ ފަސްގަނޑު ވޮޑޭއިރު ވެލިގަނޑު ކަނޑަށް ފައިބާ، ވެލިގަނޑު އަލުން އިއާދަނުވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ.

ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުޙައްމަދު ވިދާޅުވީ އެރަށުގައި ރަށްގިރުމުގެ މައްސަލަ ކުރިމަތިވާން ފެށީ ސުނާމީއަށްފަހު، އެރަށުގައި ބަނދަރު ތަރައްޤީކުރި ފަހުންކަމަށެވެ. އާދަމް މުޙައްމަދު ވިދާޅުވީ ރަށުގެ ބައެއް ސަރަޙައްދުން 20 ފޫޓާއި 50 ފޫޓާއި ހަމައަށް ގިރާފައިވާކަމަށެވެ. ރަށްގިރުމުގެ ސަބަބުން ރަށުން ބިމުގެ ބޮޑު ސަރަޙައްދެއް ވަނީ ގެއްލިފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ބުރުންޏަކީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަންނަމުން އަންނަ ރަށެއްކަމަށެވެ. ރަށްގިރުމަކީ އެ ވިޔަފާރި ފުޅާކުރުމަށް އޮތް ހުރަހެއްކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ. މިވަގުތު އެރަށުގައި ހިންގަމުން އަންނަނީ އެއް ގެސްޓްހައުސް ނަމަވެސް، މިހާރުވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންކަން ކައު

"މިހާރު އަމިއްލަ ބިންބިމުގައި މި ވިޔަފާރި ކުރަނީ. ނަމަވެސް ރަށުގެ ލޭންޑް ޔޫސް ޕްލޭން އެޕްރޫވްވުމުން މި ވިޔަފާރިއަށް ބިންތައް ދޫކުރާނަން. ބިމުގެ ޑިމާންޑްވެސް މިހާރު ބޮޑު. އަދި މީގެ ހެޔޮ އަސަރު ސީދާ ގޮތުންނާ ނުސީދާގޮތުން ރަށަށް ކުރޭ." ބުރުނީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބުރުނީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށް، އޭގެ ޢަމަލީ މަސައްކަތްތައް މިހާރު ރަށުގައި އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެރަށަށް ވަޑައިގަތުމަށްފަހު އެމްޓީސީސީގެ ސީއީއީއޯ އާދަމް އާޒިމް ވިދާޅުވީ ރަށުގެ 1800 ފޫޓުގެ ސަރަޙަދެއް މި މަޝްރޫޢުގެ ދަށުން ޙިމާޔަތްކުރެވޭނެކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތުގެ %50 ވަނީ ނިމިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

"ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޭ މަހަށް ނިންމާލެވޭނެ. އަދި ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން. އެ މަސައްކަތް މި އަހަރުގެ އޮގަސްޓަށް ނިންމާނަން. އެއީ ކޮންޓްރެކްޓް ކުރެވިފައިވާ ތާރީޚަށްވުރެ އަވަހަށް." އާޒިމް ވިދާޅުވިއެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގައި ރަށުން ގިރާފައިވާ ބައެއް ހިސާބުތަކަށް ވެލިއަޅާ އިއާދަކޮށްފައިވެއެވެ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މުޅި މަޝްރުޢޫއަކީ 77މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.