ޖެމްސް މެދުވެރިކޮށް ޑިޖިޓަލް ސޮއިކުރަން ފެށުމަށް، ގަވަމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް، ޖެމްސްއިން ތައްޔާރުވެއްޖެއެވެ.
ލިޔެކިޔުންތަކުގައި ޑިޖިޓަލްކޮށް ސޮއިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޖެމްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހު ފަހުކޮޅު މިގޮތަށް ސޮއި ތަޖުރިބާ ކުރުމަށް އެއިދާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ޒަމާނީ ވަޞީލަތްތަކާއެކު އީމެސެޖުގެ ނިޒާމަށް އަންނާނެ އިންޤިލާބީ ބަދަލެއްކަމަށް ޖެމްސްއިން ފާހަގަކުރެއެވެ. މިކަން ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާކަން ޖެމްސްއިން ހާމަކޮށްފައިވީނަމަވެސް މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
ސަރުކާރުގެ ހިންގުން ލާމަރުކަޒުކުރުމަށް ކުރިއަށްގެންދާ އެންމެ މުހިއްމު އެއް މަޝްރޫޢަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުންތައް ޑިޖިޓަލް މަންސައެއް މެދުވެރިކޮށް ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިކަން ފަހިކުރުމަށް ސަރުކާރުގެ، ގަވަމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް(ޖެމްސް) މެދުވެރިކޮށް ސިޓީ ފޮނުވުމުގެ ބަދަލުގައި ލިޔެކިޔުން ހިއްސާކުރެވޭނެ މަގު މިހާރުވަނީ ފަހިކޮށްފައެވެ.
މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށި މިނިޒާމުގެ ދަށުން މުޢާމަލާތްތައް މިނިޒާމުގެ ތެރެއިން ބޭނުންކުރުމަށް އިދާރާތަކުން އަންނަނީ އަހުލުވެރިވަމުންނެވެ. މިގޮތުން ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް 512 އިދާރާއަކުންވަނީ 9304549 ފަހަރުވަނީ މިނިޒާމުގެތެރެއިން އެކި މުޢާމަލާތްތައްކޮށްފައެވެ. ޖެމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެކަނިވެސް މިނިޒާމުގެ ތެރެއިން 509 އިދާރާއަކުންވަނީ 85143 މުޢާމަލާތެއް ކޮށްފައެވެ.
ސޮއި ކުރުމަށް އިންގިލާބެއް! މިމަހު ފަހުކޮޅު ތަޖުރިބާ ކުރަން ފަށަން މިދަނީ ތައްޔާރުވަމުން.
— GEMS (@Gemsmv) March 1, 2023
#gemsmv #digitaltransformation #digitalmaldives pic.twitter.com/xMz9mavDvg
ގަވަމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް(ޖެމްސް) އިފްތިތާޙުކޮށްފައިވަނީ 2010 ވަނަ އަހަރުގައެވެ. މިވަޞީލަތާއެކު ސަރުކާރުގެ އެކި އިދާރާތަކުން ލިޔެކިޔުންތައް ޑެލިވަރކުރުމަށް އުފުލި ބުރައަށްވަނީ ނިމުމެއް އައިސްފައެވެ. ޖެމްސްގެ މިހާރުގެ އަމާޒަކީ، ޕްރިންޓްކޮށް ސޮއިކުރުމަށްފަހު އަލުން ސްކޭންކޮށްގެން ލިޔެކިޔުން އަޕްލޯޑްކޮށްގެން ކުރަމުން އަންނަ މުޢާމަލާތްތައް ހުއްޓާލުމަށެވެ. މީގެ ސަބަބުން ޚިދުމަތުގެ ސްޕީޑު އަވަސްވެ ދައުލަތުން ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖެއިން ޒަމާނީ ޑިޖިޓަލް ދުނިޔޭގައި މިހާރުވަނީ އިތުރު ހަރުފަތަކަށް ޖެހިލާފައެވެ. ވަގުތު ސަލާމަތްކުރުމާއި ލިޔެކިޔުމާއި ގެއްލިގެން މީގެ ކުރިން އުފުލަމުންދިޔަ ތަކުލީފު ނިމުމަކަށް އައިސް މިހާރު މިފަދަ މުހިއްމު ތަކެތި ޑިޖިޓަލީ ރައްކާކުރެވޭނެ ނިޒާމެއްވަނީ ޤާއިމުކޮށްފައެވެ. މިގޮތުން ޑިޖިޓަލް ލައިސެންސް ބޭނުންކުރަން ފަށާފައިވާއިރު އައިޑީކާޑުވެސް ޑިޖިޓަލްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.