ރިޕޯޓް

ވިޔަފާރިވެރިން ބުނަނީ ދަތިކަމެއް ނެތި ރޯދަމަހު މުދާ ލިބޭނެކަމަށް


ރޯދަމަސް ކައިރިވަމުން އަންނައިރު އެންމެ ބާރު ބޮޑުވާ އެއް ސަރަހައްދަކީ ބާޒާރު މައްޗެވެ. ރޯދަމަސް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައިވާއިރު ބާޒާރުން މަތިން ފެންނަނީ ރޯދައަށް ތައްޔާރުވަމުންދާ މަންޒަރެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރާ އެއް މަސައްކަތަކީ މުދާ ގަނެ، އެއް ކުރުމެވެ. އެކި ބާވަތްތަކުގެ ކާބޯތަކެއްޗާއި ރޯދައަށް ގެއަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތެވެ.

ރޯދައަށް ތައްޔާރުވާ މަންޒަރު މިހާރުވެސް ބާޒާރު މަތިން ފެންނައިރު އެ ސަރަހައްދުގައި މާލެއިން ފިހާރަތަކަށް މުދާގެންދާ ފަރާތްތަކުންނާއި ބޯޓްފަހަރުތަކުގައި ރަށްރަށަށް މުދާ ގެންދާ ފަރާތްތަކުން އަވަދިނެތި ދަނީ މަސައްކަތްކުރަމުންނެވެ.

ބާޒާރުމަތީގައި ހޯލްސޭލް ފިހާރަތައް ހިންގާ ފަރާތްތަކުން ބުނާގޮތުން މި އަހަރުގެ ރޯދަމަހުވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އަތޮޅުތެރެއިން ހޯލްސޭލްކޮށް މުދާ ގަންނަ ފަރާތްތަކަށް ދަތިކަމެއް ނެތި މުދާ ގަންނަށް ލިބެން ހުންނާނެއެވެ. އަދި މާލެ ތެރޭގައި ހިންގާ ކުދި ފިހާރަ ތަކަށްވެސް ދަތި ނުވާގޮތަށް މުދާ ހޯލްސޭލްކޮށް ގަންނަށް ލިބެންހުންނާނެ ކަމުގެ ޔަޤީންކަން ބާޒާރުމަތީ ހޯލްސޭލް ވިޔަފާރިކުރާ ވިޔަފާރިވެރިންދެއެވެ.

ބައެއް ތަކެތީގެ އަގުތަކަށް ބަލާއިރު މިފަހަރުވެސް ލުނބޯގެ އަގު ބޮޑުވެގެންދިއުމުގެ ބިރު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިހާރު ލުނބޯ ކިލޯއެއްގެ އަގު 30ރ އާއި 45ރ ދެމެދު ހުރިނަމަވެސް ރޯދަމަހު ލުނބޯ ކިލޯއެއްގެ އަގު 75ރ އާއި 100ރ އާއި ދެމެދުގެ އަގަކަށް އުފުލުން އެކަށީގެންވާކަމަަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ލުނބޯގެ އަގު އުފުލުމުގެ ބިރު އޮތީ ލުނބޯ ޝިޕްމަންޓްތައް ރާއްޖެ ގެންނަން ދުވަސް ނަގާތީކަމަށް ހޯލްސޭލް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުމަތީގައި ހޯލްސޭލް ވިޔަފާރިވެރިން ބުނާގޮތުގައި، ރޯދަމަހު އެންމެ ގިނައިން ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާއާއި އެހެނިގެން ދަޅު ކާނާ އާއި ތަރުކާރީ އަދި މޭވާއާއި ރޯދަމަހުގެ ނިޔަލަށް ދަތި ނުވާވަރަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންމެވެ.

ވިޔަފާރިވެރިން ބުނާގޮތުން މުދާ ގެނެސް ކްލިއަރ ކުރުމުގައި އެ ފަރާތްތަކަށް މާބޮޑު ދައްޗެއް ނެތެވެ.

އެމްޕީއެލްއިންވެސް ވަނީ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދޭން ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ރޯދަ މަހާއި ދިމާކޮށް، އޮޕަރޭޝަން އަވަސްކުރުމަށް ބޭނުންވާ އިތުރު 4 އުޅަނދު އެމްޕީއެލްއަށް ވަނީ ގެނެސްފައެވެ. ގެންސްފައިވަނީވެސް ނިމިދިޔަ މަހުތެރޭގައެވެ.

ރޯދަމަހު އާއްމުންނަށް ބޭނުންވާ މުދާ ގެނައުމުގައި ވިޔަފާރިތަކުން ބުރަކޮށް މަސައްކަތްކުރާއިރު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިންވެސް ދަނީ އެ އަގުހެޔޮކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެހެން ރޯދަ މަސްތަކޭ އެއްގޮތަށް މި ރޯދަމަހުވެސް ފިޔާ، ބިސް، އަލުވި އަދި އެހެނިހެން ޒަރޫރީ މުދާ ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އެސްޓީއޯއިންވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އެސްޓީއޯގެ އިތުރުންވެސް ސަރުކާރު އެހެން ކުންފުނިތަކުންވެސް ދަނީ ރޯދަމަހަށް ވާންޖެހޭ ތައްޔާރީތައްވަމުންނެވެ. އެގޮތުން މިފްކޯގެ އުފެއްދުންތައްވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިތުރު އައުޓްލެޓްތައް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާއްމު ގޮތެއްގައި ރޯދަމަހަކީ ތަކެތީގެ އަގުތައް އުފުލޭ މަހެއް ނަމަވެސް ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.